މިހުންނެވީ ދިވެހި އުންމަތުގެ ޚާލިދު ބުން ވަލީދެވެ. މިއީ ދިވެހި ޤައުމުގެ ޞަލާޙުއްދީނުލް އައްޔޫބީއެވެ. މިއީ ދިވެހި ޖަޒީރާގެ ޠާރިޤު ބިން ޒިޔާދެވެ. ދިވެހިރާއްޖޭގެ ބޮޑުގަނޑުވަރުގައި ތައުޙީދުގެ ވޮށް ދިއްލީއްސުރެ، ދިވެހި ތާރީޚުގެ އެންމެ އަގުހުރި ސަފުހާ ލިޔުއްވި ދިވެއްސެވެ. ތިލަދުންމަތީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބު ތަކުރުފާނެވެ. މިއީ ދިވެހިރާއްޖޭގެ ބޮޑުތަކުރުފާނެވެ.
އަލިރަސްގެފާނު ޝަހީދުކޮށް، ނަޞާރާ ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ. މީގެ 467 އަހަރު ކުރިއެވެ.

ދިވެހިރާއްޖޭގައި ކާފަރު ޕޯޗުގީޒުންގެ އަނިޔާވެރިކަމާއި ފަސާދަ ފެތުރިގެން ހިނގައްޖެއެވެ. ދިވެހި މުސްލިމުންގެ ލޭ، ޙައްޤަކާ ނުލައި އޮހޮރުވުން ގިނަވެއްޖެއެވެ. ދިވެހީންގެ މުދާތައް ފޭރިގަތުން ގިނަކޮށްފިއެވެ. ދިވެހި އަންހެނުންގެ އަބުރާއި ޢިއްފަތް ފޭރިގަތުން އާންމުވެއްޖެއެވެ. ދިވެހިރާއްޖޭގެ ބޮޑުގަނޑުވަރުގައި ހުރި ތައުޙީދުގެ ވޮށް ނިއްވައިލައިފިއެވެ. އަދި ކާފަރުކަމާއި ފިތުނައިގެ ވޮށް އެ ގަނޑުވަރުގައި ދިއްލައިފިއެވެ.

ދެން، މާތް ﷲ، އަނިޔާލިބިގެންވާ ދިވެހި ޤައުމަށް އޯގާވެރިވެވޮޑިގެންފިއެވެ. ދިވެހިރާއްޖޭގައިވާ ކާފަރު ޕޯޗުގީޒު ދައުލަތުގެ ގަދަފަދަކަން ނިކަމެތިކުރައްވައި، ހަލާކުކުރައްވައި، އިސްލާމީ ދިވެހިރާއްޖެ އަލުން އިޢާދަކުރެއްވުމަށް ތިލަދުންމަތީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބާއި، ޢަލީ ޚަޠީބާއި، ޙަސަން ޚަޠީބު ނެރުއްވައިފިއެވެ.

"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "އެކަލާނގެ ނިޔާފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މި މަތިވެރި ޖިހާދުގެ މަސްއޫލިއްޔަތު އިލްހާމުކުރެއްވީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ދަރިކަލުން ހިތްވަރުގަދަ މުޙައްމަދު އަލްޚަޠީބަށެވެ". އަދިވެސް ތާޖުއްދީން ލިޔުއްވާފައިވަނީ، "ބުނެވިދިޔަ ފަދައިން، އެކަލާނގެ އިރާދަފުޅުން މި ތަކުރުފާނުގެ ހިތްޕުޅުގައި ޖިހާދުގެ ފަރުޟު އަދާކުރެއްވުމަށާއި، މި ރާއްޖޭގައި އޮތް ކާފަރުކަމާއި، ގޮތްދޫނުކުރުމާއި، ފަސާދައާއި، ފިތުނަވެރިކަމުގެ ވޮށް ނިއްވައިލެއްވުމަށް ކަމަރު ބަންނަވައިފިއެވެ. ފަސާދައާއި އަނިޔާވެރިކަން މުޅިން ނައްތައިލައްވައި، ކާފަރުން ނެތިކުރައްވައި، ޝިރުކާއި އިލްޙާދު މުޅިން ނައްތައިލައްވައި، އެކަލާނގެ މަތިވެރި ކަލިމަފުޅު މި ރާއްޖޭގައި ދަމަހައްޓަވައި މަތިވެރިކުރެއްވުމުގެ މާތް މަސައްކަތްޕުޅު ފެއްޓެވުމަށް ޢަޒުމް ކަނޑައަޅުއްވައިފިއެވެ".
މިއަށް ފަހު ތާޖުއްދީން ލިޔުއްވާފައިވަނީ، "ވިސްނުންފުޅު ތޫނު، ޢަޒުމުގެވެރި މުޙައްމަދު ތަކުރުފާނަށް އިލާހީ ޙަޟްރަތުން މި އިލްހާމު ލިބިވަޑައިގެންނެވުމުން، (ކުރާން އޮތް) ކަމުގެ ބޮޑުކަމާއި، މުހިންމުކަމާ މެދު ޚިޔާލުކުރައްވަން ފެއްޓެވިއެވެ".
އުތީމު "ތިންބެއިން" ފިކުރުކުރައްވައި، މާތް ﷲ އާ ކުއްތަންވެ ކީރިތިކުރައްވައި، ދުޢާކުރައްވަން ފައްޓަވައިފިއެވެ. އަދި ހަނގުރާމައިގެ ކަމަރުބަނދެލައްވައި، ކަނޑިއާއި، ބަޑިއާއި، ތީރާއި، ލޮންސި ހިއްޕަވައިގެން ބައިމަދު ޖަމާޢަތެއްގައި ކަޅުއޮށްފުންމީގައި ކަނޑަށް ނުކުންނަވައިފިއެވެ.

މި ޖަމާޢަތުގެ ފަހުލަވާނުން ރާއްޖޭގެ ރަށްރަށަށް އަރުއްވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އަދި ރަށްރަށުން ފެނާއި ކާބޯތަކެތި އޮޑިޔަށް ލައްވައެވެ. އެއަށް ފަހު އެ ރަށްރަށުގައި ހަރަކާތްތެރިވާ ނަޞާރާއިން ޤަތުލުކުރައްވައެވެ. އަދި ފަޖުރުލުމުގެ ކުރިން ކަޅުއޮށްފުންމިއައިގެން ކަނޑުގެ މެދަށް ނުކުންނަވައި، އަދާވާތްތެރީންގެ ލޯމަތިން ކަޅުއޮށްފުންމީގެ ރިޔާތައް އޮބައިލާހައި ދުރަށް ނުކުންނަވައެވެ. މި ބޭކަލުން ދަތުރުކުރައްވާ މަގުތަކަކީ ވެސް ދިވެހި ތާރީޚު އަޖައިބުކުރުވި ދޭތެރެތަކެކެވެ.
ދުވަހަކީ މީގެ 460 ވަރަކަށް އަހަރު ކުރިއެވެ. ތަނަކީ ފަޚުރުވެރި ތިލަދުންމަތީ ބާރަށު ދަނބުރުއްމަގެވެ. ދިވެހިރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒު ދައުލަތުގެ ވިޔަޒޯރު އެ ނުކުންނަނީ ބާރަށު ރައްޔިތުން ގޮވައިގެންނެވެ.
ދަނބުރުއްމަގު އެއްފަރާތުގައި އަޅަން އެ ފެށީ ބައްތިރީސް ރިޔަނުގެ ބޮޑު ސިންގާ އޮޑިހަރުގެއެކެވެ. އެ ހަރުގެ އަޅަނީކީ ދިވެހިރާއްޖޭގައިވާ ޕޯޗުގީޒު ދައުލަތް މުލުންލުހެލައި، ރާއްޖެ އިސްލާމް ކުރާން ދުއްވާނޭ އޮޑިއެއް ބަންނާންކަމެއް އޭރު ވިޔަޒޯރަކަށް ނޭނގޭނެއެވެ. ވަރަށް މަދު މީހަކަށް ނޫނީ އެކަމެއް ނޭނގޭނެއެވެ. އެތަނުގައި އެބަންނަނީ ކަޅުއޮށްފުންމިއެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "އަދި އެބޭކަލުން (އުތީމު ތިންބެއިން) ދަތުރުކުރައްވާނެ މޮޅު އޮޑިއެއް ވެސް ބެންނެވިއެވެ".

ކަޅުއޮށްފުންމި ބަންނަ އަޑާއެކު މަންޒަރުބަލަން ހައިރާންވެފައި ވާރުގޭގައި ވިޔަޒޯރު އިނދެއެވެ. އެ އޮޑި ބަންތަނާއި ބަންގޮތާ މެދު ދިވެހި ތާރީޚު އަބަދުވެސް ފަޚުރުވެރިވެ، އަޖައިބުވާނެއެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "ދެން އެ ބޭކަލުން (އުތީމު ތިންބެއިންނާއި އެބޭކަލުންނާ ބައިޢަތުހިފި ދިވެހީން) ކާފަރުންނާ ބައްދަލުވާ ކޮންމެ ތަނަކުން ހަނގުރާމަކުރައްވައި ކާފަރުން ޤަތުލުކުރައްވަން ފައްޓަވައިފިއެވެ". މި މަގުން މުޅި ދިވެހިރާއްޖޭގެ ރަށްރަށް ފަތަޙަކުރައްވަމުން އެބޭކަލުން އެބަގެންދަވައެވެ.
އަހަރަކީ 1572 ވަނަ އަހަރެވެ. ތަނަކީ ތިލަދުންމަތީ ތަކަންދޫ ރަށްމެދެވެ. މައިދާނަކީ ދިވެހި ޤައުމީ ޖިހާދުގެ މައިދާނެވެ. މައިދާނަށް އޮހޮރިގެންދަނީ ޤައުމީ ޤާއިދުގެ ޠާހިރު ލޭފޮދެވެ. އެ ޤާއިދެއްގެ ލެއިން ދިވެހި ޤައުމުގެ "އެލެގްޒެންޑަރ ދަ ގްރޭޓް" އުފަންވީ ލެއެވެ.
ބުރާރަ ކިޔައިދޭ ގޮތުގައި، އުތީމު ތިންބެއިން ހޯދަން މަލާބާރީންގެ ހަތް ގުރާބުގެ މީހުން ރެޔާއި ދުވާލު ދަތުރުކުރަމުންދެއެވެ.
އެއްދުވަހެއްގެ ހެނދުނު އިރުއެރި ވަގުތެވެ. މަލާބާރީންގެ ހަތް ގުރާބު ތިލަދުންމަތީ ތަކަންދުއަށް ލަފައިފިއެވެ. އަލިތަކުރުފާނު ފެނޭތޯ މަލާބާރީން ރަށަށް އަރައި ގޭގެއަށް ވަދެ ހޯދަން ފަށައިފިއެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "ފަތިސްވެ އަލިވުމުން އެތަކުރުފާނު (އަލިތަކުރުފާނު) ތަކަންދޫގައި ހުންނެވި އެތަކުރުފާނުންގެ ގޭގެ އެތެރެގޭތެރޭގައި ފިއްލެވިއެވެ".
ކާފަރުންނާ ހަނގުރާމަކުރައްވައި އަލިތަކުރުފާނުން ޝަހީދުވީ އެދުވަހުއެވެ. މި މައިދާނުގައެވެ.
ތަނަކީ ދިވެހިރާއްޖޭގެ ފުރަމާލެއެވެ. އަނދިރިއަނދިރީންގެ ކިއްލާ ހުންނަނީ މި ވެރި ރަށުގައެވެ. ދުވަހަކީ ހިޖުރައިން 981 ވަނަ އަހަރުގެ ސަފަރު މަހުގެ އެންމެ ފަހު ދުވަހެވެ. މިރޭ އިރުއޮއްސޭނީ ރަބީޢުލްއައްވަލު ފުރަތަމަ ވިލޭރެއަށެވެ. މާލޭގައި ތިބި ދިވެހި މުސްލިމުން ދޮންކޮރަލި ފަނޑިޔާރުކަލޭފާނުންގެ އަބޫބަކުރު ފަނޑިޔާރުކަލޭގެފާނުންގެ ގެޔަށް ޖަމާވެއްޖެއެވެ. "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "މިބައިމީހުން އެއްބަސްވީ އިސްލާމްދީނަށް މުރުތައްދުނުވުމަށާއި، ބުދަށް ސަޖިދަކުރަން ގޮވާލެވޭ ތަނަށް ނުދިއުމަށެވެ. އަދި ގަދަބަދަވިކަމުން ނުކުތުމަށް މަޖުބޫރުކޮށްފި ނަމަ، ހަނގުރާމަކޮށް އިސްލާމްދީން މަތީ ޝަހީދުވުމަށެވެ".

ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ އެކުވެރީންގެ ގުރާބު މާލޭ ބަނދަރަށް ލެފީ މި ރެއެވެ. އަދި އަނދިރިއަނދިރީންގެ ގަޔަށް އެ ތަކުރުފާނުން ބަޑިޖައްސަވައި، އޭނާ ޤަތުލުކުރެއްވީ މިރެއެވެ. ކާފަރުންނާ ކުރިމަތިލައި މުސްލިމުންނަށް ނަޞްރާއި ފަތަޙަ ލިބިގެންދިޔައީ މި ރެއެވެ.
ބޮޑުތަކުރުފާނުން ދިވެހިރާއްޖެ މިނިވަންކުރެއްވިތާ ހިޖުރީ ގޮތުން މިރޭ 466 އަހަރު ފުރޭނެއެވެ. މިކަން ހިނގީ 981ހ. ވަނަ އަހަރު ރަބީޢުލްއައްވަލު މަހުން ފުރަތަމަ ވިލޭރޭ ފުރަދަންވަރުގައެވެ. މީލާދީ ގޮތުން 2 ޖުލައި 1573 ގައެވެ. އަދި މި ވަރުގަދަ ޤައުމީ ޖިހާދުގައި ތަފާތު ރޭވުންތަކަކާއެކު އެތައް އަހަރެއް ހޭދަވީ އިރު އެތައް ދިވެހި މުސްލިމުންނެއް ޝަހީދުވެގެން ގޮސްފައިވެއެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "މިއަށް ފަހު، ދިވެހިރާއްޖެއިން އެބައިމީހުންގެ (ޕޯޗުގީޒުންގެ) ދައުލަތް އުވި، އިންދިރާސްވެއްޖެއެވެ. ދިވެހިރާއްޖޭގައި އެބައިމީހުންނަކީ ޒަމާނެއްގައި ވެސް ވެރިކަންކުރި ބައެއް ކަން ނޭނގޭ ދަރަޖައަށް އެބައިމީހުންގެ އަސަރުތައް ފުހެލެވުނެވެ".
ބޮޑުތަކުރުފާނުން ދިވެހިރާއްޖެ އަލުން އިސްލާމް ކުރައްވައި، ދިވެހި ވެރިކަމުގެ ގަނޑުވަރުގައި ތައުޙީދުގެ ވޮށް އަލުން ދިއްލަވައިފިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!