ކުޅުދުއްފުށި ޗެމްޕިއަންޝިޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ކަނޑިތީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ކުރި ހޯދާފައި ވަނީ 7-6 ގެ ނަތީޖާއިންނެވެ.

Ad
rt

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ކަނޑިތީމުންނެވެ. މި ލަނޑު 5 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ޝާންއެވެ. ޒިގްޒެގުން ނަތީޖާ ހަމަހަމަކުރި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޖަހައިދިނީ އިބްރާހީމް އިސްމާއިލްއެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނުނުއިރު، މެޗުގެ 60 ވަނަ މިނެޓުގައި ޒިގްޒެގްގެ މުހައްމަދު ނިޝާލްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. މެޗުގެ ފަހުބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް ދެވަނަ ލަނޑުޖަހައި ޒިގްޒެގުން ލީޑުނެގިއެވެ. މި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ އަމަން ފައިޒަރ އެވެ. އޭގެ ފަސްމިނެޓް ފަހުން ކަނޑިތީމމުގެ ހުސެއިން ވާފިރު ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކުރި އިރު ޒިގްޒެގުން ފޮނުވާލި ހަތް ޕެނަލްޓިގެ ތެރެއިން ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗު މިއަދު ހަވީރު ކުޅޭނެއެވެ. ބައްދަލުކުރާނީ ކުޅުދުއްފުށީ މަގުލަސް ކްލަބާއި ދިއްދޫ ހީވެސްނުވޭ އެވެ.