އިނގިރޭސް ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބައްދަލުކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއިއެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޭ ރަށުން ބޭރުގައި ބޮޑު މޮޅެއް ހޯދައި ޗެލްސީން މިވަނީ ފުރަތަމަ މޮޅު ހޯދާފައެވެ.

Ad
rt

ރޭ ޗެލްސީގެ ފުރަތަމަ އެގާރާހައި ކޯލް ޕާމާ ހިމެނި ނަމަވެސް، މެޗަށް ވާމްއަޕް ކުރަނިކޮށް އޭނާއަށް އަށް ވަނީ އަނިޔާވެފައެވެ. ވުމާއިއެކު ކޯޗު މަރެސްކާ، ޕާމާގެ ބަދަލުގައި ފުރަތަމަ އެގާރައިން ފުރުސަތު ދިނީ މި ސީޒަނަށް އެ ޓީމަށް ގެނައި 18 އަހަރުގެ ބްރެޒިލް އެޓޭކަރ އެސްޓެވާއޯއެވެ. މިއީ އޭނާ ޗެލްސީއަށް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ރޭ މެޗުގައި އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސްޓްހޭމުންނެވެ. ހަވަނަ މިނިޓުގައި ލޫކަސް ޕަކޭޓާ ވެސްޓް ހޭމަށް ލީޑު ނަގައިދިން ނަމަވެސް 15 ވަނަ މިނިޓުގައި ޗެލްސީ ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. ކޯނަރެއްގައި މާކް ކުކުރެލާ ބޮލުގައި ޖެހިފައި ލިބުމާއެކު މި ލަނޑު ޖެހީ ޖާއޯ ޕެޑްރޯ އެވެ.

އޭގެ ތިން މިނިޓު ފަހުން ނިކްލަސް ފުލްކްރޫގްގެ ލަނޑަކުން ވެސްޓް ހޭމަށް އަލުން ލީޑު ލިބުނު ކަމަށް ހީވިއަސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ބަލައި ގޯލު ބަލައި ނުގަންނަން ނިންމައިފައެވެ. އޭގެ ފަސް މިނިޓު ފަހުން ޖާއޯ ޕެޑްރޯ ދިން ބޯޅައަކުން ޗެލްސީއަށް ލީޑު ނަގައިދިނީ ޕެޑްރޯ ނެޓޯއެވެ.

ދެވަނަ ހާފުގައި އެންޒޯ ނެގި ކޯނަރެއް ވެސްޓް ހޭމްގެ ކީޕަރަށް މާ ރަނގަޅަށް ކްލިއާ ނުކޮށްލެވުމުން އޭގެ ފައިދާ ނަގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖެހީ މޮއީސެސް ކައިސޭޑޯއެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން، ފަހު ލަނޑު ޖަހައިދިނީ ޓްރެވޯ ޝަލަބާއެވެ.