ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިޢުލާންކޮށްފައިވާ އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ކޯހަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާޝިޕް ދިނުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، އެމްއެންޔޫއިން އިޢުލާންކޮށްފައިވާ އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޕީއެޗްޑީ ޕްރޮގްރާމަށް ހޮވޭ ހުރިހާ އިމާމުންނަށް އެ މިނިސްޓްރީން ވަނީ ކޯސް އެއްކޮށް ސްޕޮންސާކޮށްދިނުމަށް ނިންމާފައެވެ.

Ad
rt

ޝަހީމް ވިދާޅުވީ، ޕީއެޗްޑީ ޕްރޮގުރާމަށް ވީހާވެސް ގިނަ އިމާމުން ކުރިމަތިލުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަށްވާނެ ކަމަށާއި، މި ކޯހަށް ހޮވޭ އިމާމުންނަށް ކޯސް ފީގެ އިތުރުން ޕޮކެޓް މަނީވެސް ދޭނެއެވެ.

''ވީހާ ވެސް ގިނަ އިމާމުން ކުރިމަތިލައި ފުރުސަތު ލިބޭތޯ މަސައްކަތްކުރަށްވާ" ޝަހީމް ވިދާޅުވެފަވެއެވެ.

އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން، ޝަހީމް ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީގެ ފުރުސަތު ހުޅުވާލި ކަމަށްޓަކައި ޤައުމީ ޔުނިވާސިޓީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ސަރުކާރުގެ ދައުރުގައި އިމާމުންގެ ޢިލްމީ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާތަނަށް 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.