އއ. މާޅޮހު ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް އަންނަ އަހަރު ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މާޅޮހު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މާޅޮހު ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް އަންނަ އަހަރު ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަން ހާމަކުރަށްވައި، މި މަޝްރޫޢަކީ ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތްކުރާ ފަރާތްތަކާއި ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އަރިއަތޮޅު ރަންފަރު މާޅޮހުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ރައްޔިތުންނަށް މިހާރު ލިބިފައިވެއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ރައްޔިތުން އެދޭ ގޮތަކަށެވެ.

މީގެއިތުރުން، މާޅޮހު ސިއްޙީ މަރުކަޒުގެ އިމާރާތް އައުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓްރީގެ ޚިދުމަތްވެސް ފުރިހަމަ ކުރެވޭނެއެވެ.

މިއަދުގެ ދަތުރުފުޅުގައި، މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ.