ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ.

ފުލުހުން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 1432 ފުޅި ބަނގުރަލާއި، 299 ދަޅު ބަނގުރާގެ އިތުރުން އެހެނިހެން 92 އައިޓަމް ހިމެނެއެވެ. މި ތަކެއްޗަކީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެވިފައިވާ ތަކެއްޗެވެ.

Ad
rt

ފުލުހުން ބުނެފައިވާ ގޮތުގައި މިއަދު ނައްތާލާފައިވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވި، ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުންގެ ޚިދުމަތުން މިފަދަ މަސްތުވާ ތަކެތި ނައްތާލުމުގެ މަސައްކަތް ގަވާއިދުން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެ.