ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މަރުޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އަވަހާރަވުމާ ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ވިދާޅުވެފައިވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، މިއީ މުޅި ދިވެހި ޤައުމަށްވެސް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
މީގެ އިތުރުން، މަރުޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަޤާމުގައްޔާއި ސަފީރު ކަމުގެ މަޤާމުގައި، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި ޚާރިޖިއްޔާއަށްވެސް ދިގުމުއްދަތެއްގައި، ހަރުދަނާ، ގިނަ އަދި ބިނާކުރަނިވި މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.
ހަސަން ޞާބިރު ނިޔާވި އިރު އުމުރަކީ 73 އަހަރެވެ.
ހަސަން ޞާބިރުގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!