ނ. މިލަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު،ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ މިލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އާ، އަދި މަގު ހެދުމުގެ މަސައްކަތް އާރް.ޑީ.ސީ. އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ގިރާ ސަރަޙައްދުގެ މަސައްކަތް ކުރިއަށްގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މޫދަށް އެރެވޭނެ ސަރަޙައްދެއް ހެދޭ ގޮތަށެވެ.
މިލަދޫގެ ފެނުގެ ނިޒާމާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ނިމެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ހެލްތު ސެންޓަރަށް އިތުރު ނަރުހުން ހޯއްދައިދެއްވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ރައްޔިތުން ބޭނުންވަނީތޯ ނުވަތަ ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވަނީތޯ ބައްލަވައި، ރައްޔިތުން ނިންމަވާ ގޮތަކަށް ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ މިލަދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!