ވ.އަތޮޅުގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
މި ބޯޓަކީ ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮތް ބޯޓެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ބޯޓު މިހާރު ވަނީ ފަރުން ނެއްޓިގެން އޮޔާދާން ފަށާފައެވެ.
މި ބޯޓު އޮޔާދަނީ އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށެވެ. އެހެންވެ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މިބޯޓު އޮޔާދާނެ ކަމަށް އެމްއެންޑީއެފުން ލަފާކޮށްފައި ވަނީ ވ.އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށެވެ. އެހެންކަމުން ވ. އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފަވެއެވެ.
ވަކީން ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!