ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ގައްދޫ އިން ''ތިލަދުން'' އާއި ވާހަކަދެއްކި މީހަކު ބުނީ ޒަކަރިއްޔާ ފެނުނީ ގދ. ގަމުގެ ދެކުނު ފަރާތު އަތިރިމަތީ ލައްގާފައި އޮއްވާ ކަމަށެވެ.

Ad
rt

ހޯދަމުން ދިޔަ ޒަކަރިއްޔާ އާއި ގުޅޭގޮތުން ފުލުހުން ވެސް ބުނީ މިއަދު ހެނދުނު 11:43 ހާއިރު ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑޫ ފެނުނީ ގަމުގެ ދެކުނު ފަރާތު އަތިރިމަތީ އޮއްވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ޒަކަރިއްޔާ ޑިންގީއެއްގައި ގައްދޫއިން ފުރާފައި ވަނީ 10 ޖުލައި 2025 ވަނަ ދުވަހު ހެނދުނު 9:30 ހާއިރުއެވެ. އަދި ޒަކަރިއްޔާ ގަމަށް ދިޔަން އެނގިފައިވާއިރު، ޒަކަރިއްޔާ ޚަބަރެއް ނުވެ ގެއްލިފައި ވަނީ ހެނދުނު 11:15 ގައި ގަމުން ފުރިފަހުންނެވެ.

ޒަކަރިއްޔާ ގެއްލުމާއި ގުޅިގެން ސިފައިންނާއި، ފުލުހުންނާއި ގައްދޫގެ ރައްޔިތުން ވެސް ނުކުމެ އައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެެއިން ސަރަހައްދުގެ ފަޅުރަށްތަކާއި ފަޅުގިރިއާއި ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.

މި މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ޑައިވެއްގައި ހޯދާފައެވެ.