ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނަށް ދިން ހަމަލާގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތައް ހަލާކުނުވާ ކަމަށް ޖާސޫސީ ރިޕޯޓުތަކުން ދައްކައިފިއެވެ.

މިކަމުގެ ޖާސޫސީ މައުލޫމާތު ބްރީފިން ލިބިފައިވާ ހަތަރު އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ މިއީ ޕެންޓަގަންގެ ޖާސޫސީ އިދާރާ، ޑިފެންސް އިންޓެލިޖެންސް އެޖެންސީއަށް ލިބިފައިވާ މައުލޫމާތު ކަމަށެވެ. މި މައުލޫމާތު ބިނާކޮށްފައިވަނީ ހަމަލާތަކަށް ފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހެދި ބެޓަލް ޑެމޭޖް އެސެސްމެންޓުން ކަމަށް ސީއެންއެންއިން ބުނެއެވެ.

Ad
rt

ސީއެންއެން އިން ބުނީ އެމެރިކާ އިން ބަންކަރ ބަސްޓަރ ބޮން އަޅައިގެން އީރާންގެ މައި ނިއުކްލިއާ ތިން މަރުކަޒު އެއްކޮށް ހަލާކުވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްްޑް ޓްރަމްޕު ވިދާޅުވި ނަމަވެސް މިހާތަނަށް ހުރި އިންޓެލިޖެންސް މައުލޫމާތުން އެކަން ދޮގުކުރާ ކަމަށެވެ. އެގޮތުން، އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ހަމަ އެގޮތުގައި އަދިވެސް އެބަހުރި ކަމަށް ސީއެންއެނަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފައެވެ.

އެ ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައު ސެންޓްރިފިއުޖްތަކުގެ ވެސް ބޮޑު ބައެއް ހުރީ އެއްވެސް ގެއްލުމެއް ނުވެއެވެ. އެހެންވެ (ޑީއައިއޭ) އެސެސްމަންޓުން ދައްކަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ޖައްސާލެވުނީ މަސްދުވަސްތަކެއް ފަހަތަށް ކަމަށް ވަނީ ބުނެފައެވެ.

މި އެސެސްމަންޓް ލީކުކުރުމަކީ ރައީސް ޓްރަމްޕް ނިކަމެތިކޮށް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލުމުގެ މިޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔަ ހިތްވަރުގަދަ ފައިޓަ ޕައިލެޓުންގެ އަގު ވައްޓާލަން ކުރާ މަސައްކަތެއް ކަމަށް ވައިޓްހައުސްއިން ބުނެއެވެ. އަދި އޮޕަރޭޝަން ކާމިޔާބު ކަމަށްވެސް ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވެސް ކުރިން ވަނީ އީރާންގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދިނުމަށް ހިންގި އޮޕަރޭޝަން، ރޭވި ގޮތަށް ކާމިޔާބު ކަމަށް ބުނެފައެވެ.