ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މި ބަލީގެ ކޭސް ފެނުމާ ގުޅިގެން ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިހާތަނަށް ފެނިފައިވާ މަދު ކޭސްތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ.
މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވަރުވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރި ސެޕްސިސް ޖެހުމުގެ ފުރުސަތު އޮވެއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލި ޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
އެޗްޕީއޭއިން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެންގެ އެއްބާރުލުން ދިނުމަށްވެސް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!