ދިވެހި ހައްޖާޖީންނަށް މިފަހަރު ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ ޙައްޖު އެންމެ ފުރިހަމައަށް އަދާކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޕޮޑްކާސްޓްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދުގެ ޚާއްޞަ އަމުރުފުޅަކާ ގުޅިގެން، ދިވެހިރާއްޖެއަށް ވަނީ މައްކާ ރޫޓު އިނީޝިއޭޓިވގެ ފުރުސަތު ލިބިފައެވެ. މިކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަމިއްލަ ނަމުގައި ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖު މޫސުމުގައި ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ހައްޖާޖީން ސީދާ މައްކާއަށް ފުރުން، މިނާގައި ތިބޭއިރު ފެންވަރު ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުން، އަދި މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

''މިފަހަރު ތަފާތަކީ މައްކާގައި ހަމަ ޙައްޖުގެ ހުރިހާ އަޅުކަމެއް ނިންމާފައި، ވަދާޢީ ޠަވާފްވެސް ކޮށްފައި، ދެން މިދަނީ މަދީނާއަށް. ކުރީގައިވިއްޔާ މައްކާއަށް ގޮސްފައި، މަދީނާއަށް ގޮސްފައި، އަނެއްކާ އެނބުރި އައިސްފައި، ދެން މިކަހަލަ ގޮތަކަށް ދެކޮޅަށް ދަތުރުކުރަނީ. ކޮންމެފަހަރަކު ބަހުގައި 10 ގަޑިއިރު، 12 ގަޑިއިރު. އެންމެ ކުޑަވެގެންވެސް 8 ގަޑިއިރު. ބަސްތަކުގެ ޙާލަތު އެހާދަށް. އެހެންނަމަވެސް، މިކަމުގައިވެސް އަޅުގަނޑުމެން މިފަހަރު ހަމަޖައްސާފައި މިއޮތީ މައްކާއިން މަދީނާއަށް ދާނީ ސީދާ ހަމަ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައޭ. އެއީ، ދެތިން ގަޑިއިރު، ދެ ގަޑިއިރެއްހާއިރުގެ ދަތުރެއް. ބަލިތައް ޖެހުމާއި، ވަރުބަލިވެ، ހަމަ މީހާ ބަލިވާ ބަލިވުން، އޭގެ ސަބަބުން ވަރަށް ބޮޑަށް އިރާދަކުރެއްވިއްޔާ ހަމަ ސަލާމަތްކުރެވޭނެ. އެކަމުން ސަލާމަތްކުރެވޭނެ. ހަމަ ވަގުތުވެސް ސަލާމަތްކުރެވޭނެ. ދެން މަދީނާއިން ރާއްޖެއަށް އަންނާނީ. އަނބުރާ މައްކާއަކަށް ނުދާނެ. އެހެންވީމާ، އޭގެ ސަބަބުން ހަތަރު ފަސް ދުވަހެއް ކުރުވޭ އެބަ. ދެން ޙަޤީޤަތުގައި އެ ކުރުވުމަކީ އަޅުކަމަށް އެއްވެސް އަސަރެއްކުރާ ކަމެއްނޫން. ހިތްހަމަޖެހުން ލިބި، ޞިއްޙަތު ސަލާމަތުން ބެހެއްޓި، ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެން ގޮސްފައި، ޙައްޖު އެންމެ ފުރިހަމައަށް ރަނގަޅަށް އަދާކުރުމަށް ލިބޭ ފުރުޞަތެއް ގޮތުގައި އަޅުގަނޑު ދެކެނީ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ މި ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ސައޫދީ ސަރުކާރުން ރާއްޖެއަށް ދެއްވި ހާއްސަ އަހައްމިއްޔަތު ފާހަގަކުރަށްވާފައެވެ.

''މިއީ ހަމަ ފުރަތަމަފަހަރަށް މިގޮތަށް ކަންތައްތައް ހަމަޖެހިގެން މިދިޔަ ދިޔުމަކީ، އަޅުގަނޑު ހަމަ ތަކުރާރުކޮށްލަން. ސަޢޫދީ ރަސްގެފާނާއި ވަލީޢަހުދާއި ސަރުކާރުގެ ވަރަށްބޮޑު އެހީތެރިކަމެއް. ވަރަށް އުފާކުރަން. އަދި ދިވެހި ޙައްޖާޖީންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން މިކަމުގައި. ދިވެހި ސަރުކާރާއި ސަޢޫދީ ސަރުކާރާ ދޭތެރޭގައި މި ކުރެވުނު މަސައްކަތް، ގާތްކަމުގެ ތެރެއިން މިކަންކަން މިހެންދިޔުމަކީ ދިވެހި ޙައްޖާޖީން ބޭނުންވާނެގޮތް.''

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތާނގައި އިތުރު ކަންކަންވެސް ހަމަޖެހިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ވަރަށްގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނަށްވެސް ޕްލޭންކޮށް، މަޝްވަރާތައްވެސް މިހާރު ހިނގަމުން އަންނަކަަމަށް ރައީސް ވިދާޅުވިއެވެ.