ގޫގުލްއިން ފާއިތުވި ހަފްތާގައި ޖެމިނައި 2.0 ފްލޭޝް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް އަޕްޑޭޓްކޮށްފިއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މި އައު އަޕްޑޭޓުން މޮޑެލްގެ ވާހަކަދެއްކުމުގެ ޤާބިލުކަން އިތުރުކޮށް، އުފެއްދުންތެރި މަސައްކަތްތަކަށް އިތުރަށް އެކަށޭނަ ކޮށްފައިވެއެވެ.

ގޫގުލްއިން ބުނާ ގޮތުގައި ވަކި މައުޟޫތަކަކާއި މަސައްކަތްތަކަކާ ބެހޭގޮތުން އޭއައި އާ ވާހަކަދައްކާއިރު ބޭނުންކުރާ ފަރާތްތަކަށް މި ތަފާތު ފާހަގަކުރެވޭނެއެވެ. މި އަޕްޑޭޓް އައިސްފައިވަނީ 2.5 ފްލޭޝް އޭއައި މޮޑެލް ޗެޓްބޮޓް ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުރި ދަނޑިވަޅެއްގައެވެ. ނަމަވެސް އެއީ ތަޖުރިބާކުރުމުގެ ގޮތުން ދޫކޮށްފައިވާ ވަރޝަނެކެވެ.

Ad
rt

ޖެމިނައިގެ އަޕްޑޭޓް ޕޭޖުގައި އޭޕްރިލް 19 ވަނަ ދުވަހު އިތުރުކޮށްފައިވާ އެންޓްރީއެއްގައި ބުނެފައިވާ ގޮތުގައި މި އަޕްޑޭޓާއެކު އޭއައި މޮޑެލުން "އިތުރަށް ޤުދުރަތީ، އެއްބާރުލުން ދޭ އަދި ހާލަތަށް ބަދަލުވާ ވާހަކަދެއްކުމުގެ ސްޓައިލެއް" ފޯރުކޮށްދޭނެއެވެ. މީގެ އެންމެ ބޮޑު އަސަރެއް ކުރާނީ އާންމު މުޢާމަލާތްތަކުގައާއި ވަކި މައުޟޫތަކަކާ ބެހޭގޮތުން ޗެޓްބޮޓާ މުޢާމަލާތްކުރާއިރުއެވެ.

ގޫގުލްއިން ލަފާދީފައިވަނީ އަމިއްލަ ޝައުޤުވެރިކަން ހުރި ކަންކަމާއި، ސްކޫލް ނުވަތަ މަސައްކަތުގައި ދިމާވާ މައްސަލައަކާއި، އުފެއްދުންތެރި ނަޒަރަކުން ބަލަން ބޭނުންވާ ކަމަކާ ބެހޭގޮތުން އޭއައި މޮޑެލާ ވާހަކަދައްކައިގެން އައުޓްޕުޓްގައި އަންނަ ތަފާތު ބެލުމަށެވެ.

މީގެ އިތުރުން، ކުންފުނިން ބުނެފައިވަނީ އައު މޮޑެލްގައި ކޮންޓެކްސްޓް ދެނެގަތުމުގެ ޤާބިލުކަންވެސް ރަނގަޅުކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ސުވާލެއްގެ ފަހަތުގައިވާ މަޤްޞަދު ފަހުމްކުރުމަށް ފަސޭހަވެ، އޭއައިން އިތުރަށް ހިތްހަމަޖެހޭ ޖަވާބުތަކެއް ދޭން ޖެހޭނެއެވެ.