ސައުތު އެފްރިކާ އަދި މަލާވީން އެތެރެކުރާ ދަނޑުވެރިކަމުގެ އުފެއްދުންތައް ޓެންޒޭނިއާއިން މަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެ ދެ ޤައުމުން ޓެންޒޭނިއާގެ އުފެއްދުންތަކަށް އަޅާފައިވާ މަނާ ފިޔަވަޅުތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

Ad
rt

ޓެންޒޭނިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ހުސެއިން ބަޝެ ވިދާޅުވި ގޮތުގައި، ބުދަ ދުވަހުގެ ނިޔަލަށް ސައުތު އެފްރިކާ އަދި މަލާވީން ޓެންޒޭނިއާގެ އުފެއްދުންތަކަށް އަޅާފައިވާ މަނާ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް އެދިފައިވީ ނަމަވެސް، އެ ދެ ޤައުމުން އެކަން ކޮށްފައި ނުވާތީ މި ފިޔަވަޅު އަޅަން ޖެހުނީއެވެ.

މަލާވީން ފަހަކަށް އައިސް ޓެންޒޭނިއާގެ ގިނަ އުފެއްދުންތަކެއް އެތެރެކުރުން މަނާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަނޑުލުގެ ފުށް، ހަނޑޫ، އަދި ކެލާފަދަ އުފެއްދުންތަކެވެ. އަދި ސައުތު އެފްރިކާއިން ވެސް ޓެންޒޭނިއާގެ ކެލާ އެތެރެކުރުން މަނާކޮށްފައިވެއެވެ.

ވަޒީރު ބަޝެ ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ޓަކައި އެ ދެ ޤައުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އަދި މީގެ އިތުރުން، މަލާވީއަށް އެހެން ޤައުމުތަކުން ޓެންޒޭނިއާ މެދުވެރިކޮށް ފޮނުވާ ދަނޑުވެރިކަމުގެ އުފެއްދުންތައް ވެސް މަނާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެންޒޭނިއާއިން މަލާވީއަށް ގަސްކާނާ އެކްސްޕޯޓް ކުރުން ވެސް މަނާކުރާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ ވިޔަފާރިއެއް. އަޅުގަނޑުމެން އެންމެން ވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ވިޔަފާރި ރައްކާތެރިކުރުމަށް ޓަކައި މި ފިޔަވަޅު އަޅަނީ،" ވަޒީރު ބަޝެ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ތިން ޤައުމަކީ ވެސް ސަދަން އެފްރިކަން ޑިވެލޮޕްމަންޓް ކޮމިއުނިޓީ (ސާޑެކް) ގެ މެންބަރު ޤައުމުތަކެކެވެ.