ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް، އެކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ކުށްވެރިކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ދައްކާފައިވާ މި ވާހަކަ މީސްމީޑިއާގައި ދައުރުކުރަމުން އަންނައިރު، އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަން ފާހަގަކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި ވިޔަސް، އެ ހައްގު ބޭނުންކުރުމުގައި އެއްވެސް މީހެއްގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ރާއްޖޭގައި ރަސްޖިޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގައި، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދެއްކުން ކުށްވެރިކޮށްފައެވެ.
"ކުޑަކުދިންނާ މެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށްވުރެ އިތުބާރު ކުޑަވެ، ނަފުސާނީ ގޮތުން އެ ކުދިންނަށް ބޮޑެތި ނޭދެވޭ އަަސަރުތައް ތަހައްމަލު ކުރުވާ ފަދަ ކަންކަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ ކުރިން އެ ވާހަކަތައް ކުށްވެރިކޮށްފައެވެ. އަދި މި ވާހަކަތަކާ ގުޅިގެން ދައުވާ ކުރަން ވެސް ރައީސްގެ ޢާއިލާގެ ފަރާތްޕުޅުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!