ތިލަދުންމަތީ އުތުރުބުރީ ބާރަށް ހިމެނޭހެން ޖުމްލަ ހަ ރަށެއްގައި މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފެށޭނެ ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށްފަހު އަމަލީ މަސައްކަތް ފެށުމަށް ނިންމާފައި މިސްކިތަތް ބިނާކުރާ ރަށްތަކަކީ އއ.ރަސްދޫ، އދ.ފެންފުށި، ފ.ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށުގެ އިތުރުން ތ.ވޭމަންޑޫ އެވެ.

Ad
rt

އެ ވުޒާރާއިން ވިދާޅުވީ ބިނާކުރަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ތިން ސައިޒެއްގެ މިސްކިތްތައް ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 300 މީހުން 500 މީހުން އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތައް ކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ ބިނާކުރަން ނިންމާފައިވާ މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ މިސްކިތުގައި ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމް ހިމެނޭގޮތަށް ކަމަށެވެ. މީގެއިތުރުން މިސްކިތްތަށް ނިމޭއިރު ހުންނާނީ ސޯލާއާއިއެކު އޭސީ ކުރެވި، ނެވިލޯން ވެސް އެޅިފައި ކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން މިސްކިތްތަކުގެ ކުރެހުންތަކުގެ ބައެއްފޮޓޯ ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ. އެ ވުޒާރާއިން ވިދާޅުވީ މިސްކިތްތައް ފަރުމާ ކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށާއި، މިސްކިތްތައް ފަރުމާކުރެވުފައިވަނީ ރާއްޖޭގެ ތާރީހާއި ސަޤާފަތާއި މާހައުލާއި ގުޅޭގޮތަށް ކަމަށެވެ.