ރޯދަމަސް ފެށުމުގެ ކުރިން ދިވެހި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅޭނެކަން ލޭބަރ ރިލޭޝަން އޮތޯރިޓީން ހަނދާންކޮށްދީފިއެވެ.
ލޭބަރ ރިލޭޝަން އޮތޯރިޓީން އިއްޔެ އާންމު ކުރި ޢިއުލާނެއްގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.
ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވޭކަމަސް އެ އޮތޯރިޓީން ބުނެފަވެއެވެ.
"މިދިޔަ އަހަރު ވެސް ރޯދަ އިނާޔަތް ނުލިބިގެން ދިވެހި މުވައްޒަފުންގެ ފަރާތުން ގިނަ މައްސަލަތަކެއް އަޅުގަނޑުމެންނަށް ހުށަހެޅުނު." ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެފަވެއެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ އިތުރުން ގާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭންޖެހޭނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ވަޒީފާދޭ ފަރާތްތަކަށް ހަނދާންކޮށްދީފައެވެ.
"ރޯދަމަސް ފެށުމުގެ ކުރިން، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ، އެކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ހުށަހެޅިދާނެ،" އެ އޮތޯރިޓީން ބުންޏެވެ.
ސަރުކާރު މުވައްޒަފުންނަށް މާދަމާގެ ކުރިން ރޯދަ އިނާޔަތް ދޭން މާލީ ވުޒާރާއިން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!