ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކާގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށާއި، އިސްލާމީ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ އެއްބައިވަންތަކަން އޮތް ޤައުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ދަންނަވާ ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އިސްލާމީ ތަސައްވުރާއި، މަންހަޖާއި ފިކުރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ސުންނީ މުސްލިމުންކަމުގައި ވުމެވެ.
’’އެހެންވީމަ ދިވެހިރާއްޖޭގައި ބައިބައިވުމެއްނެތް، ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް މެދުމިނުގެ އިސްލާމީ އުސޫލުތައް ދަމަހައްޓާ އެއަށް ތަބާވާބަޔެއް، ހައްދުފަހަނައެޅުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އާންމުކޮށް އޮންނަކަމެއްނޫން، ނަމަވެސް ބައެއް ވަކޮވަކި ފަރުދުންގެ މިބާވަތުގެ ކަންތައްތައް ފާހަގަކުރެވިގެން އެއަށް ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުންނާ އެކި ކަހަލަ ގޮތްގޮތުން ފަރުވާހޯދޭ، އެހެންވީމާ ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެ‘’ ވަޒީރު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!