ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އެތެރެކުރި ކާށި މާދަމާއިން ފެށިގެން ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި، މި ވަގުތު ބާޒާރުގައި ކާށީގެ އަގު ހުރީ 10 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް އެސްޓީއޯއިން ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކާށި ގަނެވޭނެ އަގެއްކަން އެމްޑީ ވަނީ ފާހަގަކުރަށްވާފައެވެ.

Ad
rt

އެސްޓީއޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިންޑިއާއިން އެތެރެކުރާ ކާށީގެ ފުރަތަމަ ބެޗު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ކާށިތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ މެދުވެރިކޮށެވެ. ކާށީގެ އިތުރުން އެ ކުންފުނިން ރޯދަ މަހަށް އެތެރެކުރި ލުނބޯ ވެސް މާދަމާއިން ފެށިގެން ވިއްކަން ފަށާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެސްޓީއޯއިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރީ އާއި މޭވާގެ ގޮތުގައި ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.

އަދި ޕްރޮސެސްޑް ކާނާގެ ގޮތުގައި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް އަދި ގެރިކިރު ދަޅު ހިމެނޭއިރު، ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫ ހިމެނެއެވެ.

މި ފިޔަވަޅަކީ ރަމަޟާން މަހުގައި ކާބޯތަކެތީގެ އަގު މައްޗަށް ދިއުމުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ލުއިކޮށްދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްކަން އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތުގައި އެސްޓީއޯއިން އަމާޒު ހިފާފައިވަނީ ރާއްޖެއިން ބޭރުން ކާބޯތަކެތި ގެނެސް، އަގުހެޔޮކޮށް ވިއްކުމަށެވެ.