މި އަހަރު މާލެ ސަރަހައްދުގަައި އިތުރު ސްކޫލެއް އަޅައި ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Ad
rt

ވޭތުވި އަހަރު ތަޢުލީމީ ދާއިރާއިން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވުމަށްފަހު މިއަހަރުގެ އަމާޒުތަކުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރަތް ކުރުމުގެ މަޝްރޫޢުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި އިތުރު ސްކޫލުތައް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންދާކަމަށެވެ.

’’ސަރުކާރުންގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިއިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު ވެސް މިއަހަރު ކުރިއަށްދާނެ.’’ ރައީސް ވިދާޅުވެފަވެއެވެ.

ސްކޫލުތަކުގެ މާހައުލަކީ އުނގެނުމަށްފަހި، ދަރިވަރުންނަށް ހިތްގައިމު، އުފާވެރި މާހައުލަކަށް ހެދުމަކީ ވެސް ވަރަށް ބޭނުންފުޅުވާ ކަމެއްކަން ފާހަގަކުރަށްވަމުން، އެ ގޮތުން ސަރުކާރުގެ ހުރިހައި ސްކޫލެއް ފިނިކުރުމަށް ޓަކައި، "ކޫލް ސްކޫލް" ޕްރޮޖެކްޓް ފެށިފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

‘’ﷲގެ ވާގިފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފާއިވާ ސަރުކާރުގެ ސްކޫލްތަކުގެ 3700 އަށް ވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ މި އަހަރު ފޯރުކޮށްދީ މި އަހަރުގެ ތެރޭގައި މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ނިންމާނަން.’’ ރައީސް ވިދާޅުވެފަވެއެވެ.

ހަމަ މިއާއެކު މުޅި މި މަޝްރޫޢުގެ ހަކަތައިގެ 100 އިންސައްތަ ސޯލަރ ހަކަތައިން ހޯދުމުގެ އަމާޒު ވެސް މި އަހަރު ހާސިލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.