އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގައި ދަފްތަރުވުމަށް ތަޢާރަފްކޮށްފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން މި މަހުގެ 30 ގެ ނިޔަލަށް ހުއްޓާލަން ނިންމައިފިއެވެ.
މިކަން އިޢުލާންކޮށްފައިވަނީ މިއަދު އީސީން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި "ސިމެދަ" ޕޯޓަލް ހުއްޓާލި ނަމަވެސް، "މައި ޕޯޓަލް" މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދާނެއެވެ. "ސިމެދަ" ޕޯޓަލް ބޭނުންކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، އާންމު ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި 5 ވަނަ އިސްލާހާ އެކުގައެވެ.
އެއިރު، މި ޕޯޓަލް ތަޢާރަފްކުރެވުނީ މީހުންނަށް އޮޅުވާލައިގެން ނުވަތަ އެމީހުންގެ ހުއްދައަކާ ނުލާ ޕާޓީތަކަށް ރަޖިސްޓްރީ ކުރާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދިޔަ ވަގުތެއްގައެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ލިބިފައިވެއެވެ.
މި މައްސަލަތަކުގެ ތެރޭގައި ޕީއެންސީން އީސީއަށް ވަގު ފޯމުތަކެއް ހުށަހެޅި މައްސަލަ ހިމެނެއެވެ. މި މައްސަލައާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ އީސީ އޮފީސް ކައިރީގައި އިހުތިޖާޖުކޮށްފައެވެ. ޕީއެންސީން ވަގަށް ވައްދާފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކާއި އާންމު ގިނަ މެންބަރުން ހިމެނެއެވެ. މި މައްސަލަ އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ.
އީސީން ބުނެފައިވާ ގޮތުގައި މި މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އަޅާނެއެވެ. ނަމަވެސް، "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ފޯމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ސިޔާސީ ޕާޓީތަކުން ފޯމު ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ޝަކުވާ ހުށަހެޅޭނެކަން އީސީން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!