ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހުޅުމާލެ 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

Ad
rt

އޭނާ ވިދާޅުވި ގޮތުގައި، މި ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ތަނެއްގައެވެ. ނަމަވެސް، އެ ތަނަށް ވަދެ ގޭޓުތަކާއި ތަޅުތައް ހަލާކުކޮށް، އެޗްވީ ސިސްޓަމަށް ގެއްލުން ދީފައިވެއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން ޔަގީންވާ ގޮތުގައި މިކަންކުރި ބަޔަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ޓެކްނިކަލް މަޢުލޫމާތު އެނގޭ ބައެއްކަމަށެވެ. މިފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، އެކަމުން ކަރަންޓުން ޖެހުމާއި ބޮޑެތި އަނިޔާތައް ލިބިދާނެ ކަމަށެވެ.

409006_3_95669f0838897abfde5ec7b8c230f7c3da0ae24a_large.jpeg

ފަހުމީ ހަނދާންކޮށްދެއްވީ މިދިޔަ އަހަރު ޓްރާންސްފޯމަރުތަކަށް ގެއްލުން ދޭން އުޅެނިކޮށް ބަޔަކު މަރުވި ހާދިސާއެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން އަނެއްކާވެސް އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިދާނެ ކަމަށް އިންޒާރު ދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފަހުމީ ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، ކުރިމަގުގައި މިފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.

409005_3_48cab141204866e2d214b3f565cf7120161cee07_large.jpeg

މިދިޔަ އަހަރުގެ މާރިޗު މަހުގައި ހުޅުމާލެ 2 ގައި ހުންނަ ހިޔާގެ ތިންވަނަ ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ސްޓޭޝަނެއްގެ ތެރެއިން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މީހަކު މަރުވެފައިވެއެވެ.