ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާއަށް އަންނަ ހޯމަ ދުވަހު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ވެސް ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާތައް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނެންސްގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުންނެވެ.

ރައީސް މުއިއްޒު މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އެކިއެކި މިނިސްޓަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ. އަދި އެ ގައުމުގެ ބައެއް މުހިންމު ތަންތަނަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެސްޓޯނިއާއަކީ ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާބަލާއިރު، އާބާދީގެ ގޮތުން ކުޑަ ނަމަވެސް، އީޖާދީ ދުރުވިސްނޭ މީހުންނަށް ފުރުސަތު ދީގެން ވަރުގަދަ ޑިޖިޓަލް އިގުތިސާދެއް ގާއިމްކޮށްފައި އޮތް ގައުމެކެވެ. އަދި، އަމިއްލަ ވިޔަފާރިތަކަށް އެންމެ ފަހި މާހައުލު އޮތް ގައުމުގެ ގޮތުގައި މުޅި ދުނިޔޭގައި މަޝްހޫރު ގައުމެކެވެ.

ރާއްޖޭގައި ޑިޖިޓަލް އިގުތިސާދެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދެކެވެ. އެހެންކަމުން، މި ދަތުރުފުޅަކީ އެކަން ހާސިލްކުރުމަށް ރައީސް ކުރައްވާ މަސައްކަތުގައި ވަރަށް މުހިންމު ދަތުރަކަށް ވާނެ ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހުން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އެކި ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ އަދި އީ-ގަވަރނަންސްގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ސޮއިކުރެވޭ އެއްބަސްވުންތައް ހިމެނެއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު އެސްޓޯޒު އެސްޓޯނިއާގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ވިޔަފާރިވެރިންނާއި ސްޓާޓްއަޕް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާ، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. އަދި މިއީ ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ވަރުގަދަވެގެންދާނެ ފުރުސަތެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.