ށ.ނަރުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނަރުދޫއަށް އުދައަރަމުންދާތާ ތިން ދުވަސްވަރު ވެފައިވާއިރު، ރޭ އެރި އުދާގައި ރަށުގެ 12 ވަރަކަށް ގެއަށާއި، ކައުންސިލް އިމާރާތަށާއި އަދި ފެނަކަ އިމާރާތަށް ވަނީ ލޮނުވަދެފައެވެ.
މީގެ އިތުރުން ރަށުގެ ދަނޑުބިންތަކަށް، ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަނީ ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށް، ގެއްލުންތައް ވެފައެވެ.
މިކަމާއި ގުޅިގެން ނަރުދޫން ''ތިލަދުން'' އަށް މައުލޫމާތު ދިން މީހަކު ބުނީ ގެތަކަށް ވަންނަމުން ދިޔަ ލޮނު ރައްކާތެރިވުމަށް ރަށުގެ ރައްޔިތުން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިހާރު އެރަށަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން ސިފައިން ގޮސް ލޮނުގަނޑު ހިއްކުމަށް އަންނަނީ އެހީތެރިވަމުންނެވެ.
އެރަށަށް މިހާ ބޮޑަށް އުދައަރަން ދިމާވަނީ ރަށުގެ ބަނދަރު ބޮޑު ކުރުމަށް ތިން ސަތޭކައެއްހާ ފޫޓު ކޮނެ، އަހަރެއްހާ ދުވަހު މަސައްކަތް ހުއްޓިފައި އޮތުމާއެކު އެ ކޮނެފައިވާ ދިމާލުންކަމަށް އެރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
''ބަނދަރު އަލަށް ހަދަން ފަށާފައިވާ ތޮށިގަނޑުން ބައެއް ވެސް ވަނީ ވެއްޓިފައި، ކައުންސިލުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިރަށުގެ ހާލަތު ގެނައިތާ މިހާރު ދެތިން މަސްވެއްޖެ'' އޭނާ މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!