ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީދިނުމުގައި ޢަމަލުކުރާނެ އައު އުސޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައެވެ.
މި އުސޫލުގެ ދަށުން، ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށް ދެކޮޅު ޓިކެޓުގެ ޚަރަދާއި، ކޯހުގެ ޓިއުޝަން ފީ، ވިސާގެ ޚަރަދު، ކޯސް ރަޖިސްޓްރޭޝަން ޚަރަދު، އަދި ހެލްތު އިންޝުއަރެންސްގެ އިތުރުން އެސްޓެބްލިޝްމެންޓް އެލަވަންސް ދެވޭނެއެވެ.
މީގެ އިތުރުން، ސްޓައިޕެންޑާއި ފޮތްތަކަށް ކުރަންޖެހޭ ޚަރަދު ވެސް މި އެހީގެ ތެރޭގައި ހިމެނޭނެއެވެ.
ރާއްޖޭގައި ކިޔަވަން ހޮވޭ ދަރިވަރުންނަށް ވެސް މި އުސޫލުގެ ދަށުން އެހީ ލިބޭނެއެވެ. މިގޮތުން، އެ ދަރިވަރަކު ދިރިއުޅޭ ރަށުން ކިޔަވަން ދާ ރަށަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓުގެ ޚަރަދު ދެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން، އެހީ ދިނުމުގައި ކޯހުގެ މުއްދަތަށް ވެސް ރިޢާޔަތްކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި އުސޫލު ތަޢާރަފުކުރުމުގެ މަޤްޞަދަކީ، ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގައި ހަމަހަމަކަމާއި ހާމަކަން އިތުރުކުރުމެވެ. މި އުސޫލުގެ ސަބަބުން، ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އުންމީދުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!