އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެއެވެ.

Ad
rt

މިގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަަދި ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މި ވިއްސާރާގައި ވައި ޖެހޭނީ، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ ޖަނަވަރީ 1 އިން 5 އަށެވެ.

މެޓުން ވަނީ ޖުމްލަގޮތެއްގައި ހުރިހާ ފަރާތްތަކަކުން، ޚާއްޞަގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ މޫސުމީ ސަމާލުގެ މެސެޖުތައްބަލައި ފަހު މައުލޫމާތުތައް ހޯދަަމުން ދިޔުމަށް އިލްތިމާސްކޮށްފައެވެ.