ބައެއް ކެޔޮޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކޮށް، މަސްވެރިމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ހިއްސާކޮށްފިއެވެ.

ބައެއް ކެޔޮޅުންނާއިއެކު ރައީސް ބޭއްވެވި ބައްދަލުވުން އޮތީ މިއަދު މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

Ad
rt

މި ބައްދަލުވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ޙިއްޞާކުރައްވާފައި ކަމަށެވެ.

މިގޮތުން ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތައް ރައީސްއަށް ދަންނަވާފައެވެ. މީގެތެރޭގައި މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ކެޔޮޅުން ރައީސް މުޢިއްޒު އާއި ހިއްސާކުރިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެއުޅުން ވަނީ ރައީސް އަރިހުގައި އެދިފައެވެ.

''މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ކެއުޅުން ޙިއްޞާކުރެއްވި، މީގެ އިތުރުން މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި'' ރައީސް އޮފީހުން ބުނެފަވެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ހަމަމިއާއިއެކު، ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.