ޖަރުމަނު ކަޕްގެ ގަދަ ސޯޅަ ބުރުގައި ރޭ ބަޔާން ލެވަކޫސަން އަތުން ބަލިވެ ބަޔާން މިއުނިކް ކަޓައިފިއެވެ. ރޭ ލެވަކޫސަން އަތުން ބަޔާން ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

ޖަރުމަނުގެ ކަޕްގެ އެންމެ ކާމިޔާބު ޓީމްގެ ގޮތުގައި އޮތް ބަޔާނަށް 2020 ވަނަ އަހަރު ފަހުން އެ މުބާރާތް ކާމިޔާބު ކުރެވިފައި ނުވެއެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ލެވަކޫސަން އިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ކަޕާއި ޖަރުމަނު ލީގު ވެސް ކާމިޔާބު ކޮށްފައެވެ. މި ސީޒަންގައި ވެސް އެލަންސޯގެ އރިޝާދުގެ ދަށުން ލެވަކޫސަން އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

Ad
rt

ރޭ މެޗުގެ ގިނަ ވަގުތު ބަޔާނުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމްގެ ކީޕަރު މެނުއަލް ނޯޔާއަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ނޯޔާއަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ އޭރިޔާ ބޭރުން ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގަށް ފައުލް ކުރުމާއި ގުޅިގެންނެވެ.

ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބަޔާން މިއުނިކުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، އެ ޓީމުން ވަނީ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް މަދުން ނަމަވެސް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު, މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ލެވަކޫސަނަށް ކާމިޔާބުކޮށްދީފައިވަނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބާންލީ އާއި ސައުތެމްޓަނަށް ކުޅުނު ނަތަން ޓެލާ އެވެ.

އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން ނުލައި އެ ޓީމުން ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ކިންގްސްލީ ކޯމަން އާއި ކިމް މިން-ޖައިއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.