މޯލްޑިވްސް އިމިގްރޭޝަނުން ކ.ގުރައިދޫގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި 39 ބިދޭސީން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަންތަކެއް ގްރޭޓާ މާލޭ ސަރަހައްދުގައި ގިނަ ދުވަސް ތަކެއްވަންދެން ހިންގުމަށްފަހު އިމިގްރޭޝަނުން ވަނީ އެ އޮޕަރޭޝަން މިހާރު އަތޮޅުތަކަށް ފުޅާކޮށްފައެވެ.

Ad
rt

އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދާ މިނ އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް 24 އޮކްޓޫބަރު 2024 ވަނަ ދުވަހު އަތޮޅުތެރޭގައި ވަނީ މި އޮޕަރޭޝަން ފަށާފައެވެ.

މިގޮތުން ފުރަތަމަ ރަށެއްގެ ގޮތުގައި ކ. ގުރައިދޫގައި މި އޮޕަރޭޝަން ފަށާފައިވާއިރު، މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 20 އޮފިސަރުން އަދި ފުލުހުންގެ 09 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި މި އޮޕަރޭޝަންގައި ކ.ގުރައިދޫ ކައުންސިލުން ވެސް ވަނީ ބައިވެރިވެފައެވެ.

އިމިގްރޭޝަނުން ބުނީ 24 އޮކްޓޫބަރު 2024 ވަނަ ދުވަހު ހެނދުނު 10:30 އިން ހަވީރު 5:30އަށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ. އަަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުުން ދީ، 05 ދިވެހިން (ވަޒީފާ ދޭ ފަރާތް) ނަށް ވަނީ ލިޔުމުން ނަސޭހަތްދީފައެވެ.

''ކ.ގުރައިދޫގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 39 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި އޮޕަރޭޝަންގައި ގެނެސްފައި، މީގެތެރޭގައި، ބަގުލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުންގެ އިތުރުން ނައިޖީރިއާގެ މީހެއް ވެސް ހިމެނޭ'' އިމިގްރޭޝަނުން ބުންޏެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އާއި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވެސް ވަނީ ގުރައިދޫ އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވެފައެވެ. އެ ދެބޭފުޅުން ވަނީ މީގެ ކުރީން މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންތަކުގައި ވެސް އަމަލީގޮތުން ބައިވެރިވެފައެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.