ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަތަރުގެ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރު އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ސަފީރު ވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ރާއްޖޭގައި ކުރާ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓްކަން ފާހަގަކުރައްވާފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީއާއި ކުންފުނީގެ އިސްވެރިން ސަފީރަށް މަރުޙަބާ ދެންނެވިއެވެ. ބައްދަލުވުމުގައި ރާއްޖޭގެ ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކާއި، އައު އީޖާދުތައް ތަޢާރަފުކުރުމުގައި އުރީދޫގެ ދައުރު، އަދި މުޖުތަމަޢުއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ސަފީރުގެ ޒިޔާރަތުގައި އުރީދޫ މޯލްޑިވްސްގެ މައި އޮފީހަށް ވަޑައިގެން، ޚާއްޞަ މަޝްރޫޢުތަކުގައި މަސައްކަތްކުރާ މުހިންމު ޓީމުތަކާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، ޑިޖިޓަލް ޚިދުމަތްތަކަށް ވާސިލުވުމުގެ ފުރުޞަތު އިތުރުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އުރީދޫއިން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސަފީރު ހޯއްދެވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ ސަފީރުގެ މި ޒިޔާރަތަކީ ވަރަށް މުހިންމު ޒިޔާރަތެއް ކަމަށާއި، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ޒިޔާރަތުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް އިތުރު ޔަޤީންކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސަފީރުގެ ޒިޔާރަތް ނިމިގެންދިޔައީ އުރީދޫ މޯލްޑިވްސްއާއި ގަތަރު ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ކުރިއެރުމަށާއި ކާމިޔާބީއަށް މަސައްކަތްކުރުމަށް ދެފަރާތުން ވަޢުދުވެވަޑައިގަތުމާ އެކުގައެވެ. މި ޒިޔާރަތުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!