ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަދަދު" ނޫހުގައި "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ.

Ad
rt

އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހަށް ބަރާބަރަށް ޝާއިޢުކުރަމުންނެވެ. އަދި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެމްއޭއިން ވަނީ މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ޙަޤީޤަތާއި ޚިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކޮށްފައެވެ.

ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް މުޅިން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ދޮގުކުރައްވައިފަ އެވެ.

ވަޒީރު ވިދާޅުވެފައިވަނީ މި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް ކަމަށެވެ.

"ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެކަމަށް މިއަދު ޝާއިޢުކުރި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް"

މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، ދައުލަތުގެ ރިޒާވް ހުސްވެއްޖެކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއްކަމާއި ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ނާގާބިލުކަމުން މިއަދު ކުރިމަތިވެފައި އޮތް އިޤްތިސާދީ އުނދަގޫ ހާލަތުން އަރައިގަންނަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމުގަ އެވެ.