ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުން، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. އަންގާރަ ދުވަހުދިން މި ހަމަލާތަކަކީ އިރުމަތީ ލުބުނާނަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ޙިޒްބުﷲ އިން ހާމަކޮށްފައިވެއެވެ.
ޙިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ގައި ހުރި އިޒްރޭލު ސިފައިންގެ ދެ މަރުކަޒަކަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން މި ހަމަލާއާ ގުޅޭ ގޮތުން ބުނެފައިވަނީ ލުބުނާނުން ގާތްގަނޑަކަށް 55 މިސައިލް ފަލަސްޠީނުގެ ސަރަޙައްދަށް ވަދެފައިވާކަމަށެވެ. "ބައެއް މިސައިލްތައް ނާކާމިޔާބު ކޮށްލެވިފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެެއެވެ. އިޒްރޭލުން ބުނީ ބައެއް މިސައިލްތައް ވެއްޓިފައިވަނީ ހުސް ބިންތަކަށް ކަމުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ބަޔާނުގައި މިހެން ބުނެފައިވީނަމަވެސް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒުބުﷲގެ މި ހަމަލާތަކުން ބައެއް ރޮކެޓްތައް ގޮވުމުގެ ސަބަބުން އިޒްރޭލްގެ ބައެއް ހިސާބުތަކުގައި ވަނީ އަލިފާން ރޯވެފައެވެ.
މި ހަމަލާގެ ކުރިން، ހޯމަ ދުވަހު އިޒްރޭލުން ވަނީ ލުބުނާންގެ އިރުމަތީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަންތަކަކަށް ބޮން އަޅާފައެވެ. އިޒްރޭލުން ބުނާ ގޮތުގައި މިއީ އިޒްރޭލުގެ އުތުރަށް ހިޒްބުﷲ އިން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ މީހަކު މަރުވެފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
މި ދެ ފަރާތުގެ މެދުގައި ހިނގަމުންދާ ހަމަލާތަކުން، މި ސަރަޙައްދުގެ ހަލަބޮލިކަން އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!