އަމާޒަކީ ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ "ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައެވެ.
އެ ރަސްމިއްުޔާތުގައި ވަޒީރު މާރިޔާ ވިދާޅުވީ، ދިވެހި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުމަށްކަމަށެވެ.
ވަޒީރުގެ ވާހަކާގައި ވަނީ އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރަށްވާފައެވެ.
އެހެންކަމުން ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތަށް މުޤައްރަރުގައި ހިމަނަންޖެހޭކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ ވާހަކާގައި ވަނީ ގޮންޖެހުންތަކުން އަރައިގަނެ، "ސްމާޓް އެޑިޔުކޭޝަން" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތަޢުލީމު ފޯރުކޮއްދިނުމުގެ ފުރުޞަތުތަށް ރާއްޖޭގައި ހޯދަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮއްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މަތީ ތަޢުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތަޢުލީމު ފޯރުކޮއްދިނުމަކީ ދިވެހިރާއްޖެއަށް ބޭނުންވެފައިވާކަމެއްކަމަށް ވަޒީރުގެ ވާހަކާގައި ވަނީ ފާހަގަކުރަށްވާފައެވެ.
ވަޒީރު މާރިޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ، ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ކުރަށްވާ ދަތުރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!