ކުރީގެ ޓްވިޓަރ ޗެއަރމަން އޮމިޑް ކޯޑެސްޓާނީ އެކްސް އާ ދެކޮޅަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅައިފިއެވެ.

2015 އިން 2020 އަށް ޓްވިޓަރގެ އެގްޒެކެޓިވް ޗެއަރމަންގެ މަޤާމު ފުރުއްވި އޮމިޑް ކޯޑެސްޓާނީ އެކްސް (ކުރީގެ ޓްވިޓަރ) އަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅާފައިވަނީ ކުންފުނިން އޭނާއަށް ދޭންޖެހޭ ހިއްސާތައް ދިނުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.

Ad
rt

ކެލިފޯނިއާގެ ސުޕީރިއަރ ކޯޓަށް ހުކުރު ދުވަހު ހުށަހެޅި މި މައްސަލައިގައި ބުނެފައިވާ ގޮތުގައި، ކޯޑެސްޓާނީ ވަނީ ގޫގުލްގައި އަދާކުރަމުންދިޔަ މަތީ މުސާރައިގެ ވަޒީފާ ދޫކޮށް ޓްވިޓަރާ ގުޅިފައެވެ. ޓްވިޓަރުން އޭނާއަށް ހުށަހެޅީ އަހަރަކު 50،000 ޑޮލަރުގެ މުސާރައެކެވެ. ނަމަވެސް އޭގެ އިތުރުން ސްޓޮކް އޮޕްޝަންސްތަކާއި، ޕަރފޯމަންސް ބޭސްޑް ރެސްޓްރިކްޓެޑް ސްޓޮކް ޔުނިޓްސްތަކާއި، ރެސްޓްރިކްޓެޑް ސްޓޮކް ޔުނިޓްސްތައް ދޭން އެއްބަސްވިއެވެ.

މައްސަލައިގައި ބުނެފައިވާ ގޮތުގައި، މި ހިއްސާތަކުގެ ޖުމްލަ އަގަކީ 20،112،000 ޑޮލަރެވެ. އަދި އީލޮން މަސްކް ޓްވިޓަރ ގަނެ، ބޯޑު ބަދަލުކުރި ހިނދު މި ފައިސާ ދޭންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކްސް އިން މިހާތަނަށް މި ފައިސާ ދީފައި ނުވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އީލޮން މަސްކް ޓްވިޓަރ ގަތުމަށްފަހު، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަށް އެކަށީގެންވާ ގޮތުގައި ފައިސާ ނުދޭ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ކުރީގެ އެގްޒެކެޓިވުން ހުށަހެޅި މައްސަލައެއްވެސް ހިމެނެއެވެ. އެ މައްސަލައިގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށް، ދޭންޖެހޭ ސެވަރަންސް ޕޭ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.