ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރަށްވާ ރަސްމީދަތުރެއްގައި ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ޚާރިޖީ ވަޒީރުގެ މި ދަތުރަކީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

Ad
rt

ވަޒީރުގެ މި ދަތުރުގައި ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ އިތުރުން އެ ޤައުމުގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމަންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރުންތަކުގައި އެ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާއިރު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރުގެ މި ދަތުރު ނިންމާލަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ރަސްމީދަތުރެއް ފެއްޓެވިއިރު، މި އަހަރަކީ ރާއްޖެއާއި ބަޙްރައިނާއި ދެމެދު ސިޔާސީ ގުޅުން ބަދަހިކުރިތާ 44 އަހަރު ފުރޭ އަހަރެވެ.