ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އަވަސް އެއްބަސްވުމަކަށް އަންނަންޖެހޭ އެމެރިކާގެ ނައިބު ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ.
ހެރިސް ވިދާޅުވެފައިވަނީ ޣައްޒާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސް ވަނީ އިއްޔެ ރޭ ފަތިހު ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާއާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ހަމަލާގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
އެރިޒޯނާގައި ބޭއްވުނު ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ކަމާލާ ވިދާޅުވީ، "މިހާރު ވެސް މި ހަނގުރާމައިގައި އެތަކެއް ހާސް އާންމުންގެ ފުރާނަ ގެއްލިއްޖެ. ޣައްޒާގެ ހާލަތާ މެދު އިންތިހާ އަށް ކަންބޮޑުވޭ. އެހެންވީމަ އެބަޖެހޭ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދާން." ކަމަލާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޣައްޒާގެ ހާލަތު ބަދަލު ކުރުމަށްޓަކައި އިޒްރޭލާއި ފަލަސްތީނުން ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ކަމާލާ ޣައްޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިދޭ ގައުމަކީ އެމެރިކާ ކަން ފާހަގަކުރެވެއެވެ. އެގޮތުން އިޒްރޭލަށް އެމެރިކާއިން ދަނީ ހަތިޔާރުގެ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!