މިސަރުކާރުން ހާރިޖީ ސިޔާސަތު ރަގަޅޫވެފައިވާ ވާހަކަ ދެއްކި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެކަން ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާކަމަށެވެ.

Ad
rt

އާދަމް ޝަރީފު ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އިންތިހާއަށް ބޭރުގެ ދަތުރުތައް ކުރެއްވި ކަމަށް ބުނާއިރު، މިއަދު ރާއްޖެއިން ފެނިގެންދަނީ އަވައްޓެރި ގައުމެއްގައި ހަމަޖެހުން ނެތުމުން ރާއްޖެ ދޫކޮށްފައި ދާން ބޭނުންނުވާ ސަފީރުން ރާއްޖޭގައި ކަމަށެވެ.

އަދި ސައޫދީ އަރަބިއްޔާގެ ސަފީރު މިހާރުވެސް ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބެހެއްޓީ ސައޫދީ އަރަބިއްޔާ އާއި ކަމަށެވެ. ނަމަވެސް މިއަދު ސައޫދީގެ ސަފީރު ނެތުމަކީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އަދި ސައޫދީގައި ވެސް ރާއްޖޭގެ ސަފީރަކު މިވަގުތު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ސައޫދީގައި ހުންނަވަނީ އެކްޓިން ސަފީރެއް ކަމަށާއި މިއީ ރާއްޖެއާއި ސައޫދީ އާ ދެމެދު އޮތް ގުޅުން ކުޑަވެގެންދާނެ ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ހާރިޖީ ސިޔާސަތުގެ ދަށުން ބޭރުގެ ވަރަށް ގިނަ ގައުމުތަކާއެކު އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުން ސޮއިކުރި ނަމަވެސް، އެއްބަސްވުންތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްފައި ނުވާކަމަށެވެ.

''ހާރިޖީ ސިޔާސަތުގެ ދަށުން ބޭރަށް ދަތުރުތައް ކޮށްގެން ވަރަށް ގިނަ ފައިސާ ހޯދި ކަމަށް ސަރުކާރުން އެބަބުނޭ، އިންތިހާއަށް ދަތުރުތައް ކުރައްވައިގެން ފައިސާ ހޯދި ކަމަށް ބުނާއިރު، ފިނޭންސްގެ ބަޖެޓަކުން އެފައިސާއެއް ނުއެއް ފެނޭ. ރޯމާ ދުވާލު ފައިސާ ބަހާއިރު އެފައިސާއަކީ ކޮން އެއްޗެއްކަން އެބަ ބަލަންޖެހޭ. ސަރުކާރުގެ އެކި އޮފީސްތަކުން ބައިތުލްމާލުން ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެެއް އެބޭފުޅުންގެ ރައްޓެހިންނަށް، ރައްޓެހިންގެ ރައްޓެހިންނަށް ބަހާ މަންޒަރު. ދެފުށް ފެންނަ ގޮތަކަށް މިސަރުކާރަކުން ހަމަ އެއްވެސް ކަމެއް ނުކުރޭ'' އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ދައްކާ ވާހަކަތައް ދިމާ ނުވާ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުން ދައްކާ ވާހަކައާއި އޭޖީ އޮފީހުން ދައްކާ ވާހަކަ ދިމާނުވާ ކަމަށާއި ރައީސް އޮފީހާއި ފުލުސް އޮފީހުން ދައްކާ ވާހަކަވެސް ދިމާ ނުވާ ކަމަށެެވެ. އެހެންވެ މިސަރުކާރުގައި އެއް އިދާރާއިން އަނެއް އިދާރާއާއި ގުޅުން ރަގަޅު ނޫންކަން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުންނިމިދިޔަ އަހަރު ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމަށް ރައީސް އޮފީހުން ލިޔެ އާންމުކުރި '' ގަދަ ދިހައެއް''ގެ ފޮތުގައި ހުރި މައުލޫމާތުތަކާއި ގުޅޭ ގޮތުން އާދަމް ޝަރީފު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ.

ގަދަ ދިހައެއްގެ ފޮތުގައި ގައުމުގެ އަމަންއަމާންކަން ގާއިމު ކުރެވިއްޖެ ކަމަށް ބުނުމުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

'' އެފޮތުގައި އެއް ކަމަކަށް އޮތީ ގައުމަށް ހަމަޖެހުމާއި އަމަންއަމާންކަން ގެނެސްދިން ވާހަކަ. އިއްޔެރޭ ފެންނާނެ މާލެ ތެރޭގައި ހިނގާދިޔަ ނުރައްކާތެރި މާރާމާރީ. މިހާރު އެއުޅެނީ މާލެ އަތޮޅުން ފަރަށް އެރި ދޯންޏެއްގައި ހުރި މީހަކަށް ވީނުވީ ގޮތެއް ނޭނގިގެން، ހުޅުމާލޭގައި ޑްރައިވަރު ގާސިމްު މަރާލީ، މިއީ އެންމެ މީހެއްގެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން. ލ. އަތޮޅުގައި ޒުވާން ޖިންސުއްލަތީފަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއްޖެ. ޕޮލިހުން އެބަބުނޭ މިދިޔަ އަހަރު ކުށްކުރުން ގިނަ ކަމަށް. އެކަމަކު ރައީސް އޮފީހުން ނެރުނު ފޮތުގައި ބުނަނީ ކުށްތައް މަދުވި ވާހަކަ'' އާދަމް ޝަރީފު ވިދާޅުވިއެވެ.