ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިިމިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 28,175 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,740 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 264 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 275 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މީގެ އިތުރުން، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 15 މީޓަރު ދިގު 2 މީޓަރު ފުޅާ 2 ބްރިޖް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 38.49 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!