ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުން ހުކުރު ދުވަހު ނިންމި ނިންމުމަކުން، އެ ގައުމުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.

މި ނިންމުމާއެކު، 20 މަސްދުވަހުގެ މުއްދަތަކަށް ހިނގަމުން އައި ދަހަލްގެ ސަރުކާރު ވަނީ ނިމުމަކަށް އައިސްފައެވެ.

Ad
rt

މަޖިލީހުގެ 275 މެންބަރުންގެ ތެރެއިން، ހާޒިރުވި 258 މެންބަރުންގެ ތެރެއިން 194 މެންބަރުން ވަނީ ދަހަލްގެ އިތުބާރު ނެތްކަމަށް ވޯޓު ދީފައެވެ. އޭނާގެ އިތުބާރު އޮތްކަމަށް ވޯޓު ދިނީ އެންމެ 63 މެންބަރުންނެވެ.

މި ބަދަލާއެކު، ނޭޕާލްގައި އަލުން އުފެދޭނީ ކޯލިޝަން ސަރުކާރެއް ކަމަށް ބެލެވެއެވެ. ރޮއިޓާސް އިން ރިޕޯޓު ކުރާ ގޮތުގައި، މި އައު ކޯލިޝަންގެ ވެރިއަކަށް ހުންނަވާނީ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީއެވެ. އޯލީ އަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނޭޕާލްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

2008 ގައި 239 އަހަރުގެ ރަސްކަން ނިމުމަކަށް އައި ފަހުން، ނޭޕާލް ވަނީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓިފައެވެ. އޯލީގެ އައު ސަރުކާރަކީ ރަސްކަން އުވާލި ފަހުން އެ ގައުމަށް އަންނަ 14 ވަނަ ސަރުކާރު ކަމަށް ވެގެންދާނެއެވެ.

ނޭޕާލަކީ އިންޑިއާ އާއި ޗައިނާއާ ސަރަހައްދީ ބޯޑަރު ހިއްސާކުރާ ގައުމަކަށް ވުމާއެކު، އެ ދެ ގައުމުން ވަނީ ނޭޕާލްގައި ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. މި ސަބަބަށްޓަކައި، ނޭޕާލްގެ ސިޔާސީ މަޝްރަހަށް އިންޑިއާ އާއި ޗައިނާއިން ޚާއްޞަ ސަމާލުކަމެއް ދޭކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.