"ހއ.އަތޮޅުން ކުރަނގި މާރަނގަ ފެންނަ މިންވަރު ވަރަށްބޮޑަށް މަދުވެއްޖެ"

މި އިބާރާތަކީ ހއ.އިހަވަންދޫގައި މަސްވެރިކަން ކުރިއެރުވުމަށް ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ މަސްވެރި އިހަވަންދޫގެ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ލިޔުންކޮޅެއްގެ ސުރުހީއެވެ. މާގިނައިން މަހަށް ގޮސް ނޫޅުނު ނަމަވެސް އަޅުގަނޑަކީ މަސްވެރިކަމަށާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މީހަކަށް ވުމުން، ރާއްޖޭގެ އެންމެ އުތުރަށް ނިސްބަތްވާ އެ ސަރަހައްދުން ދޫނި މަދުވާން ދިމާވީ ކީއްވެތޯ އޮޅުން ފިލުވާލާން ވަރަށް ބޮޑަށް ޝައުގެއް ހިތުގައި އުފެދުނެވެ. އައިންމަތީ ދޫންޏަކީ ރާއްޖޭގެ ވަރަށް މުހިންމު ސިނާއަތެއްކަމަށްވާ މަސްވެރިކަމާއި ސީދާ ގުޅުންހުރި ދިރުމަކަށް ވުމުން، ދޫނި ފެންނަވަރު މަދުވާނަމަ އޭގެ ފަހަތުގައި ފޮރުވިފައި މުހިންމު ސަބަބުތަކެއް ވެސް އޮވެދާނެ ކަމަށް ގަބޫލް ކުރެވޭތީއެވެ.

Ad
rt

އިހަވަންދޫއަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ.އަތޮޅުގެ ހުޅަނގު ބިތުގެ ރަށެކެވެ. ބޮޑުތިލަދުންމަތީގައި މިވަގުތު މަސްވެރިކަން އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަނީ އެ ރަށުގައެވެ. މަސްވެރިކަމުގެ އެންމެ ދިގު ތާރީހެއް މި ސަރަހައްދުން އޮތް އެއް ރަށަކީ ވެސް ހަމަ އެއީއެވެ.

އައިންމަތީ ދޫނިފެންނަ މިންވަރަށް ބަދަލެއް އައިސްފައިވާނަމަ އެ ތަފާތު އެންމެ ބޮޑަށް އެނގޭނީ އެ ސަރަހައްދެއްގައި މަސްވެރިކަންކުރާ ފަރާތްތަކަށް ކަމަށް ވިސްނޭތީ މަސްވެރިކަމުގައި ދިގުމުއްދަތެއް ހޭދަކޮށް ތަޖުރިބާ ލިބިފައިވާ ކެޔޮޅަކާއި ވާހަކަ ދައްކާލެވޭތޯ ކުރި މަސައްކަތުން އެކަން ކާމިޔާބުވިއެވެ.

އުމުރުން އެންމެ 12 އަހަރުގައި މަސްވެރިކަމަށް ނުކުމެ ފާއިތުވި 40 އަހަރު ދުވަހު މެދުކެނޑުމެއް ނެތި އެ މަސައްކަތުގައި ދެމިހުރި، މަސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ ހއ.އިހަވަންދޫ އިބްރާހީމް ރަޝީދު (މާހޯރަ ދޮންބެ) އައިންމަތީ ދޫނި ފެނުމުގައި އައިސްފައިވާ ބަދަލު ވަރަށް ތަފްސީލްކޮށް ހިއްސާކުރިއެވެ.

ރާއްޖޭގެ އެތެރެވަރިން އެންމެ ގިނައިން ފެންނަ ދޫނިތަކުގެ ތެރޭގައި ހިމެނެނީ ކުރަނގި އަދި މާރަނގައެވެ. އެންމެ އާންމު ބާވަތަކީ ކުރަންގެވެ. މާކަނޑުތެރެއިން ކުރަނގި އައިންތައް ފެނުނު ނަމަވެސް ކުރަންގަކީ އަތްދަށު ދޫންޏެކެވެ.

އައިންމަތީ ދޫންޏާއި، އެމާއި، މަސްއައިންތަކަކީ އެކަތި އަނެކައްޗާއި ގުޅި ލާމެހިފައިވާ ދިރުންތަކެވެ. އެން އޮންނަ ތަނަކަށް މަސްތިލަވާހެން އެން އޮންނަ ސަރަހައްދެއްނަމަ ދޫނީގެ ހަރަކާތްތައް އިތުރުވެއެވެ. ސަބަބަކީ ކުދިމަހަކީ ދޫނީގެ ކާނާއަށް ވުމެވެ.

އައިންމަތީ ދޫނިތަކެއް، ފޮޓޯ: މަސްވެރި އިހަވަންދޫ

ރާއްޖޭގެ އެންމެ އުތުރުން، އެންމެ ގިނައިން އެންއަރާ އެއްތަނަކީ އިހަވަންދޫ ކައިރީގައި އޮންނަ ދޫނި ނިދަންއަރާކަމަށް މަޝްހޫރު ފަޅުރަށެއްކަމަށްވާ ގައްލަންދޫގެ އެތެރެވަރިއެވެ. އިހަވަންދޫއާއި ހޯރަފުއްށި ހިމެނޭ މި ސަރަހައްދުގައި ހުރި ހާހަލާއި ގިރިތަކަކީ މަސްވެރިންގެ މެދުގައި އެންވެރިކަމުގައި މަޝްހޫރު ތަންތަނެވެ.

ނުވަދިހައިގެ އަހަރުތަކުގައި އެ ސަރަހައްދަށް އަރާ އެން އަޅާނީ ހަމައެކަނި އިހަވަންދޫއާއި ހޯރަފުއްޓާއި ދިއްދޫ ހިމެނޭހެން އެ ސަރަހައްދުގެ މަސްވެރިންނެވެ. އެ ދުވަސްވަރު ދިވެހީން އެންހިފައި އުޅުނީ ފީނައިގެންނެވެ. ދޯނިތަކަކީ މިހާރު މަސްވެރިކަމުގައި މި ދުއްވާ ދޯނިތަކަށް ވުރެ އެތައްތަނަކުން ކުދި ދޯނިތަކަށް ވެފައި އެން އެޅޭ މިންވަރު ވެސް މަދެވެ.

ވުމާއިއެކު އެ ސަރަހައްދަށް އަރާ އެން އެތައް ދުވަހެއް ވަންދެން، ސަރަހައްދުގައި ހިފެހެއްޓިފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން އެތެރެވަރީގައި ވަރަށް ގިނަ ދޫނި ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓިފައި ހުންނަ ގޮތް ދިމާވެއެވެ. އެއީ އެ ޒަމާނުގައި ގައްލަންދޫ އެތެރެވަރީގައި ދޫނި ގިނަވާން ދިމާވި މައިގަނޑު ސަބަބެވެ.

މި ގަރުނަށް ފެށުނު ފަހުން ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެއެވެ. ދޯނިތައް އެތައް ގުނައަކަށް ބޮޑުވެއްޖެއެވެ. ދޯނިތަކަށް އެންއަޅާ ގޮތަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. މަސްވެރިންގެ މެދުގައި ފަސޭހަކަމާއިއެކު މުއާމަލާތް ކުރެވެއެވެ.

ގައްލަންދޫގެ އެތެރެވަރިން މިހާރު އެން އަޅަނީ ހަމައެކަނި އެ ސަރަހައްދުގެ ދޯނިތަކެއް ނޫނެވެ. އެ ސަރަހައްދައް އެން އަރާ ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކުން ބޮޑެތި ދޯނިތައް އެން އަޅަން އެ ސަރަހައްދަށް ޖަމާވެއެވެ. މިހާރު އެން އަޅަނީ ރޭގަނޑު ދިއްލައިގެންނެވެ. ބޮޑެތި ސިންގާ ދޯނިތަކަށް އެތައް ބައިވަރު އެމެއް އެބަނަގައެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގައި ހުންނަ އެންކޮޅު ހަފްތާއެއްހާ ދުވަސްތެރޭ އެއްކޮށް ހުސްވެއެވެ. ވުމާއިއެކު އެ ސަރަހައްދުގައި ދޫނި ހިފެހެއްޓިފައި ނުހުރެއެވެ. ކާނާ ނުލިބޭތަނެއްގައި ދޫނި ނުތިބޭނެއެވެ. އެތެރެވަރީ ދޫނި މަދުވަނީ މި ސަބަބާއި ގުޅިގެންނެވެ.

އައްޑިހައިގެ އަހަރުތަކުގައި އުތުރުގެ ކަނޑުތަކުން ދޫނި ފެންނަވަރަށް ވުރެ މިހާރު ތަންކޮޅެއް ދޫނި ފެންނަވަރު މަދުކަމަށް ދޮންބެ ވެސް އެއްބަހެވެ. ނަމަވެސް ފާއިތުވި ވިއްސަކަށް އަހަރަށް ނުވަތަ ދިހަވަރަކަށް އަހަރަށް ބަލާނަމަ ކަނޑުތެރެއިން ދޫނި ފެންނަ މިންވަރު މަދު ނޫންކަމަށް ދޮންބެ ބުނެއެވެ.

އައިންމަތީ ދޫނިތަކެއް، ފޮޓޯ: މަސްވެރި އިހަވަންދޫ

ގައްލަންދޫއަށް ދޫނި ނިދަނަ އަރާ އަދަދު މަދު؟

ހއ.ގައްލަންދޫއަކީ ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެކެވެ. މި ރަށުގައި ހެދިފައިވާ ބޮޑެތި ޅޮސް ގަސްތަކާއިއެކު މި ރަށް ފެންނާނީ މަލަމަތި އުސް ފެހިކަން ގަދަ ރަށެއްގެ ގޮތުގައެވެ. މިއީ ރާއްޖޭގެ އެންމެ އުތުރުން އައިންމަތީ ދޫނި ނިދަން އަރާކަމަށް އެންމެ މަޝްހޫރު ރަށެވެ. މިއީ މިހާރު ސަރުކާރުން ހިމާޔަތް ކޮށްފައިވާ ރަށެކެވެ.

އިރުއޮއްސެން ކައިރިވުމުން ގައްލަންދޫގެ އެތެރެވަރީގައި އުޅޭ ދޫނިތައް ނިދަންއަރާ ރަށަކީ އެއީއެވެ. މާކަނޑުތެރެއިން ބައިބަޔަށް ބޮޑެތި ދޫނި އައިންތައް އައިސް އެ ރަށަށް ތިރިކުރާތަން ފެންނައިރު، ރަށްމަތީ އުދުހި އުދުހި އުޅޭ އެތައް ދޫންޏެއް އެދުވަސްވަރު ފެންނެއެވެ. އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ.

ނަމަވެސް މިހާރުގެ ހާލަތު ތަފާތެވެ. އެތެރެވަރީގައި ދޫނި ހިފެހެއްޓިފައި ނެތުމާއި މާކަނޑުތެރެއިން އަންނަ ދޫނީގެ އަދަދު މަދުވުމާއިއެކު މިހާރު އިރުއޮއްސެމުންދާއިރު ކުރިން ގައްލަންދޫގެ މަތިން ފެންނަ މަންޒަރު ނުފެންނަކަމަށް ދޮންބެ ވެސް ބުނެއެވެ. ދޫނި އެ ރަށަށް ނިދަންއަރާ އަދަދު މަދުވީ ކީއްވެތޯ މިއީ ސުވާލެކެވެ؟