ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުއްވައިފި އެވެ.

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 4 ސްޓްރެޓެޖިކް ތަނބެއްގެ ދަށުން 18 ކަމެއް ކުރުމަށް ކަނޑައަޅާފައިވާކަމަށް ވުޒާރާއިން ބުންޏެވެ.

Ad
rt

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ލީޑަރޝިޕް މަޤާމުތަކާއި ވެރިކަން ހިންގުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ގޮތެއްގައި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ކޮންސަލްޓަންޓެއްގެ އެހީގައި ރިވިއު ޕްރޮސެސްތަކެއް ކުރިއަށް ގެންގޮސް، ރޭވުންތެރިކަމާއެކު ހަރުދަނާ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދެނީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަކާލާތުކުރުމަށެވެ.

މި މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ އިންޓަރވެންޝަންތައް ބިނާވެފައިވަނީ ޑެސްކް ރިވިއުތަކާއި ޕްރިލިމިނަރީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށްކަމަށް ވުޒާރާއިން ބުންޏެވެ. އަދި މިހާރު ކޮންސަލްޓަންޓް ދަނީ ތަފްސީލީ ކޮންސެޕްޓް ނޯޓްތައް އެކުލަވާލައި، ކޮންމެ ނޯޓަކަށް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫޢުގެ ރޯލްއައުޓް ޕްލޭންތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާއިރު، ހޯދުންތަކާއި ރަނގަޅު އުސޫލުތަކާއި ލޮބީ ސްޓްރެޓެޖީތައް ފައިނަލްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި މި މަސައްކަތުގެ ޓައިމްލައިންތަކާއި، އެކި ވުޒާރާތަކުގެ ޒިންމާތަކާއި، ބޭނުންވާ ބަޖެޓްތައް އެކުލަވާލުމުގެ މަޝްވަރާތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

މީގެއިތުރުން، މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު މުޅި ޕްލޭން އެންޑޯސްކުރުމަށް ރައުންޑް ޓޭބަލް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަތީ ފެންވަރުގެ އެންޑޯސްމަންޓެއް ލިބުމުން، ކަނޑައެޅިފައިވާ ހަރަކާތްތައް ކުރިއަށްގެންދާނީ އެކި ވުޒާރާތަކުން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެންނެވެ.

އެވުޒާރާއިން އިތުރަށް ފާހަގަކުރިގޮތުގައި، މި އެކްޝަން ޕްލޭން ލޮބީކުރުމުގެ ސްޓްރެޓެޖީ އެކުލަވާލުމުގައި ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އިސްކަންދެވޭނެއެވެ.

މިކަމުގެ ސަބަބުން ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެދެވޭ ނަތީޖާ ނެރެވޭނެކަމަށް އުންމީދުކުރާކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުވެ، ލީޑަރޝިޕް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވާނެކަމަށް އުއްމީދުކުރެވެއެވެ.