އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވައިފިއެވެ.
މޯދީ އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުއިއްޒަށް ދެއްވާފައިވާ ކަން ހާމަކުރީ އިންޑިއާގެ މީޑިއާތަކުންނެވެ. އެކަމަކު، އެ ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެއް ނުވެ އެވެ.
އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް މޯދީ ވަނީ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެ އެވެ.
މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވައި މޯދީ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ގާތް އަވަށްޓެރިއެއްގެ އިތުރުން ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މިހާރަށްވުރެ ގާތްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް މޯދީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!