ތިލަދުންމަތީ އުތުރުބުރީ ކެލާގައި ކުރިއަށް ގެންދިޔަ "މޫދު ކަސްރަތުން އުފާވެރިން" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމެވެ.
މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ކެލާ ކައުންސިލް ގުޅިގެން މި މަހު 3 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެރަށު އަންހެނުންނާއި، ފިރިހެނުން އަދި ކުޑަކުދިން ހިމެނޭހެން ޖުމްލަ 40 މީހުން ބައިވެރިވެ، 27 މީހުން ވަނީ ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކެލާ ޝެއިހް އިބްރާހީމް ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ބާއްވައި، ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި އިނާމް ހަވާލުކޮށްފައެވެ.
ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކެލާ ކައުންސިލް
މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮ ސިއްހަތުގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާއި ލީޑަރޝިޕާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަހްލާގާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައިދޭނެ 11 ބައިވެރިން ވަނީ ތަމްރީނު ކޮށްފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!