މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ.

Ad
rt

އެއީ ސަރުކާރުގެ 217 މަދަރުސާއެއްގައި އުނގެނޭނެ 83000 ދަރިވަރުން އަދި އަމިއްލަ މަދަރުސާތަކުގައި އުނގެނޭނެ 13000 ދަރިވަރުން ނެވެ.

ސަރުކާރުގެ 217 މަދަރުސާއެއްގެ ތެރެއިން 162 މަދަރުސާއެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، މީގެ ތެރެއިން 55 މަދަރުސާއެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. އަދި 6 މަދަރުސާއެއްގައި ސެޓްލައިޓްކޮށް ކިޔަވައިދޭނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިފައިރު، މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮކްޓުބަރު މަހުގެ 6 ވަނަ ދުވަހު އެވެ.

މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭނީ އަންނަ 2025 އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހުއެވެ.

މިއަހަރު ޖުމްލަ 12662 މުދައްރިސުން މަދަރުސާތަކުގައި މަސައްކަތްކުރައްވާނެއެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 10729އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1933އެވެ.