"ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދި އިދާރާއެކެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމް ކުރީ، ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވުމަށެވެ. އަދި ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލު ކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަކީ ވެސް އެ އިދާރާގެ މަސްއޫލިއްޔަތެކެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިވުމާއި ސައިބާ ސެކިއުރިޓީގެ ދާއިރާ އިން ރާއްޖޭގެ ގާބިލްކަން އިތުރު ކުރަން ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ އިދާރާގެ މަސްއޫލިއްޔަތެކެވެ.
ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އަށް ދިވެހި ބަހުން ބޭނުން ކުރަން ހަމަޖައްސާފައިވާ ނަމަކީ "ސައިބާ ސެކިއުރިޓީ އާ ބެހޭ ގައުމީ އިދާރާ"އެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ރައީސް އުފެއްދެވިއިރު، ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ފަހަކަށް އައިސް އިތުރެވެ. އެގޮތުން ސަރުކާރުގެ ބައެއް ވެބްސައިޓުތަކާއި ދައުލަތުގެ ބައެއް ފޭސްބުކް ޕޭޖްތައް ހެކް ކުރުމުގެ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!