އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފިއުލް ސްޓޯރެޖެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިކަން އިއުލާން ކުރެއްވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ވިޓޯލް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ފިއުލް ސްޓޯރެޖް އެ ސަރަހައްދުގައި ގާއިމް ކުރަނީ ބަންކަރިން ޕްރޮޖެކްޓަށް އިތުރު ސަޕޯޓެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އުޅަނދުފަހަރު ރިޕެއާކޮށް މެއިންޓެއިންކުރުމުގެ ހިދުމަތް ފަދަ އެކި ޕްރޮޖެކްޓުތަކާއި ހޯރަފުށި އެއާޕޯޓު އިންޓަނޭޝަނަލްކުރުން ފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ވެސް ރާވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި އިތުރު މަޝްރޫއުތައް ހިންގަން އިންވެސްޓްމަންޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

"މި ތަނުގައި ކަމާ ގުޅުން ހުރި އިތުރު ޕްރޮޖެކްޓުތައް ހިންގުމަށް އިންވެސްޓަރުން ހޯދުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން." ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަންކަރިން ޕްރޮޖެކްޓާ އެކު ބޮޑެތި ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށާއި މިއީ ފަތުރުވެރިކަމުގެ އިތުރުން އިގްތިސާދީ ބޮޑު އާމްދަނީއެއް ހޯދުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.