އެމްޓީސީސީގައި މަސައްކަތް ކުރާ މައިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
މިކަން އެ ކުންފުނިން އިއުލާނުކުރީ އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ހަފްލާގައެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ދޭން ނިންމި ލުއިތަކުގެ ދަށުން އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި އެއް އަހަރުން ދަށުގެ ދަރިން ތިބި މައިންނަށް މަސައްކަތް ކުރުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާބަނޑު އަންހެން މުވައްޒަފުން އަދި ދެ އަހަރު ނުފުރޭ ދަރިންގެ މައިންނަށް ތިން ގަޑިއިރުގެ ބްރޭކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، އެ ކުންފުނިން އަންހެނުން މުވައްޒަފުންނަށް ދޭން ނިންމި ލުއިތަކަކީ މާބަނޑު ދުވަސްވަރާއި، ތުއްތު ކުދިން ގެންގުޅޭ މައިންނަށް މަސައްކަތް ކުރަން ފަސޭހަ މާހަައުލެއް ގާއިމުކުރުމުގެ ގޮތުން ދޭ ލުއިތަކެއް ކަމަަށެވެ. އަދި އެ ކުންފުނިން ކޮންމެ އަހަރެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރަނީ އެކި މައިދާންތަކުގައި އަންހެނުންނަށް ފިރިހެނުންނާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
ޒިޔާދު ވިދާަޅުވީ އެމްޓީސީސީ އަކީ އަންހެން މުވައްޒަފުންނަށް ފުރުސަތުތައް ފަހިކޮށްދީ ބާރުވެރިކުރުމުގައި ނަމޫނާ ކުންފުންޏެއް ކަމަށާއި އެ ކުންފުނި އުފެދުނީއްސުރެ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ދައުރު ބޮޑު ކަމަށެވެ. އަދި ކުންފުނީގެ ސީނިއާ މެނޭޖުމަންޓުން ފެށިގެން ކުންފުނީގެ އެކި ފަންތިތަކުގައި އަންހެނުން ހިމެނުމަކީ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީގައި އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މުވައްޒަފުންގެ ތެރޭގައި ވެސް އަންހެނުން ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޕްރޮޖެކްޓް މެނޭޖަރުންނާއި ސައިޓް ސުޕަވައިޒަރުންނާއި ސާވޭއިން އޮފިސަރުންގެ ގޮތުގައި އާއި ބަސް އެޓެންޑެންޓުންނާއި ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ވެސް އަންހެނުން މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އުއްމީދަކީ ވެލްޑަރުންނާއި ކާޕެންޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުގައި ވެސް ކުރިއަށްއޮތްތަނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!