ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

Ad
rt

އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ވަގުތުން އެޕްރޫވްކުރާ ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ޚިދުމަތް ހޯދޭނެއެވެ. ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން ޕްރޮސެސް ކުރުމަށް ކުރިން 5 ދުވަސް ނަގައެވެ.