ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، އެތުލެޓިކް ބިލްބާއޯ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ބިލްބާއޯ އެވެ. ފުރަތަމަ ލެގު ކުޅެފައި ވަނީ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައެވެ. ރޭ ދެވަނަ ލެގުގެ މެޗު ބިލްބާއޯގެ ދަނޑުގައި ކުޅުނުއިރު، މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. އެ ޓީމަށް ފައިނަލުގެ ޖާގަ ލިބިފައި ވަނީ 4-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

ރޭ މެޗުގައި ބިލްބާއޯއަށް ލަނޑުތައް ޖަހައިދިނީ އިނާކީ ވިލިއަމްސްއާއި ނިކޯ ވިލިއަމްސްގެ އިތުރުން ގޯކާ ގުރުޒޭޓާއެވެ.

ކޮޕަ ޑެލް ރޭގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ ބިލްބާއޯއަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ 1984 ވަނަ އަހަރުއެވެ. އޭގެ ފަހުން މި މުބާރާތް ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ޓީމް ވަނީ ފައިނަލުގައި ހަފަހަރު ކުޅެފައެވެ.

ރޭ މި މެޗު ބަލަން ބިލްބާއޯގެ ދަނޑަށް 52،061 ސަޕޯޓަރުން ވަނީ ވަދެފައެވެ. މިއީ މި މުބާރާތު މެޗެއް ބަލަން އެ ދަނޑަށް އެންމެ ގިނަ ސަޕޯޓަރުން ވަތް ފަހަރެވެ.

މި މުބާރާތުގެ ފައިނަލުން ދެން ޖާގަ ހޯދީ މަޔޯކާއެވެ. މަޔޯކާއިން ވަނީ ސެމީގައި ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. މި ދެޓީމް ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-0 ގެ ނަތީޖާއިންނެވެ. ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މަޔޯކާއިން ކުރި ހޯދީ 5-4 ގެ ނަތީޖާއިންނެވެ.

އޭޕްރިލް 6 ވަނަ ދުވަހު ސެވިއްޔާގެ ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ މަޔޯކާއާއި އެތުލެޓިކް ބިލްބާއޯއެވެ. މަޔޯކާއިން މި މުބާރާތް 2003 ވަނަ އަހަރު ކާމިޔާބު ކުރިއެވެ. މި މުބާރާތް ކާމިޔާބުކުރާ ޓީމަކަށް އަންނަ ސީޒަންގައި ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.